English Edition
Dhivehi Edition
ކޯސްޓު ގާޑު އުޅަނދެއް--- ފޮޓޯ/ އެމްއެންޑީއެފް

ލާމު އަތޮޅު ސިކްސް ސެންސަސް ރިސޯޓު ކައިރިން ރޭ ދަންވަރު ބަންޑުން ޖަހާލި “އުދަރެސް” ބޯޓުން ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ ދިވެހި ފިރިހެންމީހާ ފެނިއްޖެއެވެ. އެމްއެންޑީއެފުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދިޔަ އިސްމާއީލް އަފީފް މިހާރު ވަނީ ފެނިފައެވެ.

“އޭނާ ފެނުނީ ދިރިހުއްޓާ. އޭނާ ފެނުނީ ފިލާގަނޑެއްގެ އެހީގައި ފެން މަތީގައި އޮއްވާ” ކަމަށް އެންއެންޑީއެފް އުން ދާދި ދެންމެއަކު ބުންޏެވެ.

މާލެއިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރި މި މުދާ އުފުލާ ބޯޓު ފަރަށް އަރައި، ބަންޑުން ޖަހާލި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:21 ހާއިރުއެވެ. މި ބޯޓުގައި ޖުމްލަ 12 މީހުން ދަތުރުކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 10 ބިދޭސީންނެވެ. ހާދިސާ ހިނގި ވަގުތުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ދިޔައީ އިސްމާއީލް އަފީފް ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ބޯޓު އަޑިއަށް ދިޔުމާ ގުޅިގެން އޭގައި ހުރި ގިނަ އަދަދެއްގެ މުދާ ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަދިވެސް އިލްތިމާސްކުރެއެވެ.