English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖުގައި، ސޯޝަލް މީޑިއާ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރެމުންދާ މި ދަނޑިވަޅުގައި، ސައިންސާއި ހެއްކަށް ބިނާވެ ގޮތް ނިންމުމަކީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ސިއްހީ ފިޔަވަޅުތަކަކީ އަބަދުވެސް ސާބިތު ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަންކަން ކަށަވަރުކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ސިޔާސަތުތައް ބިނާވެފައިވަނީ ޒަމާނީ ސައިންސާއި ޓެކްނޮލޮޖީގެ މައްޗަށް ކަމަށެވެ. މިގޮތުން ސިއްހީ ނިޒާމު ހަރުދަނާކޮށް، ޑިޖިޓަލް ހެލްތުގެ ހިދުމަތްތައް ފުޅާކުރުމާއި، ބަލިތައް ދެނެގަތުމުގެ ފަންނީ އުސޫލުތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކުގެ މަންފާ ރާއްޖެއަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށާއި، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަކީ ސައިންސުގެ މައްޗަށް ބިނާވެފައިވާ ކަންކަންކަން ކަށަވަރުކުރުމަށް ރައީސް ގޮވާލެއްވިއެވެ. “ސިއްހަތަށްޓަކައި އެކުގައި، ސައިންސާއެކު ސާބިތުވެ ތިބުމަށް” ރައްޔިތުންނަށް އިލްތިމާސްކުރައްވަމުން ރައީސް ވަނީ، މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.