English Edition
Dhivehi Edition
އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި އިދިކޮޅު އެމްޑީޕީން ކާމިޔާބުކަމާއެކު ދިފާއުކޮށްފިއެވެ. މި ގޮނޑި ކާމިޔާބުކުރެއްވީ މިހާރުވެސް އެ މަގާމުގައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރެވެ.

އައްޑޫގެ އެކި ދާއިރާތަކުން ލިބެމުންދާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، އަލީ ނިޒާރު ވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯއްދަވާފައެވެ. މިއާއެކު އޭނާ ވަނީ ވިދިވިދިގެން ދެވަނަ ދައުރަކަށް އައްޑޫ ސިޓީގެ މޭޔަރުކަން ކަށަވަރުކުރައްވާފައެވެ.

އައްޑޫގެ އިތުރުން މާލެ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވާފައެވެ. މިއީ މިފަހަރުގެ އިންތިހާބުގައި ސިޓީތަކުގެ މެޖޯރިޓީ އެމްޑީޕީން ހޯދިކަން ހާމަވެގެންދިޔަ މުހިންމު ނަތީޖާއެކެވެ.

އިލެކްޝަންސް ކޮމިޝަނުން ދަނީ ހުރިހާ ދާއިރާތަކެއްގެ ވަގުތީ ނަތީޖާ އިއުލާންކުރަމުންނެވެ. އަލީ ނިޒާރުގެ މި ކާމިޔާބީއާ ގުޅިގެން އައްޑޫގެ އެކި ހިސާބުތަކުގައި އެމްޑީޕީގެ ސަޕޯޓަރުން ދަނީ އުފާފާޅުކުރަމުންނެވެ.