English Edition
Dhivehi Edition
އިންތިހާބު ހިންގު ކަންކަން ފުލުހުން ބަލަހައްޓަނީ

މިއަދު މުޅި ރާއްޖޭގައި ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކަންކަން އޮމާންކަމާއި ސުލްހަވެރިކަމާއެކު ކުރިއަށްދަނީ އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކަށް އާންމުން ބޯލަނބައި، ކެތްތެރިކަން އިސްކުރުމަކީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. މިއަދަކީ އާދަޔާޚިލާފަށް ހޫނުގަދަ ދުވަހަކަށް ވީނަމަވެސް، ރައްޔިތުންގެ ފަރާތުން ފެނުނު އަދަބުވެރިކަމާއި އެހީތެރިކަން ފުލުހުން ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މި އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ “އޮޕަރޭޝަން ބްލޫ ރޭ” ގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދަވާ މި އޮޕަރޭޝަނުގެ މައިގަނޑު ބޭނުމަކީ ވޯޓުލާ މަރުކަޒުތަކާއި، ވޯޓު ފޮށިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ފުލުހުން ބުނީ އިންތިޚާބުގެ ހުރިހާ މަރުހަލާއެއް ނިމެންދެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށެވެ.