English Edition
Dhivehi Edition
މަޖީދިއްޔާ ސްކޫލުގައި ކުރިއަށް ދިޔަ ހަމުޖެހުމުގެ ވީޑިއޯގެ ސްކްރީން ޝޮޓެއް

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ބާތިލު ވޯޓުތަކާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ބައެއް ފޮށިތައް ގުނުން ހުއްޓުމަކަށް އައިސްފިއެވެ. މި ހަމަނުޖެހުންތައް މީގެ ކުރިން ހިނގާފައިވަނީ މަޖީދިއްޔާ ސްކޫލާއި، އިސްލާމިކް ޔުނިވަސިޓީގެ އިތުރުން ވިލިމާލޭގެ ބައެއް މަރުކަޒުތަކުގައެވެ.

މަޖީދިއްޔާ ސްކޫލުގައި ހުރި ހެންވޭރު ހުޅަނގު 4 ނަންބަރު ފޮށި ގުނަމުން ދިޔަ ވަގުތު، މައި ދެ ޕާޓީގެ އޮބްޒާވަރުން ވަނީ ވޯޓު ކަރުދާސް ބާތިލުކުރާ އުސޫލާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޮބްޒާވަރުން ބުނާ ގޮތުގައި އީސީގެ އޮފިޝަލުން ވޯޓު ބާތިލުކުރަމުން ދަނީ ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށެވެ. މިކަމާ ގުޅިގެން އޮބްޒާވަރުންނާއި އޮފިޝަލުންނާ ދެމެދު ބޮޑު ޒުވާބެއް ހިނގައި، ވޯޓު ގުނުމަށް ވަނީ ހުރަސް އެޅިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ، ބައެއް މަރުކަޒުތަކުގައި ސައްހަ އަދި ބާތިލް ވޯޓު ވަކިކުރުމުގައި މައްސަލަތަކެއް އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، އެ ކަންކަން ކޮމިޝަނުން މިހާރު ބަލަމުންދާ ކަމަށެވެ. މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ނަތީޖާ އިއުލާންކުރުމަށް އިތުރު ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.