English Edition
Dhivehi Edition
ލޯކަލް ކައުންސިލް އިންތިހާބު 2026 ގައި ވޯޓުލުން: ފޮޓޯ އޭއޯ ނިއުސް

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން 40 އަކަށް ޝަކުވާ ހުށަހެޅިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން ހާމަކުރި ގޮތުގައި މިހާތަނަށް ލިބިފައިވާ ގިނަ ޝަކުވާތަކަކީ އިދާރީ ކަންކަމާއި ވޯޓާސް ލިސްޓާ ގުޅުންހުރި މައްސަލަތަކެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ހުށަހެޅުނު ޝަކުވާތަކުގެ ތެރޭގައި ރީ-ރެޖިސްޓްރީ ނުވުމުގެ ސަބަބުން ވޯޓާސް ލިސްޓުގައި ނަން ނެތުމުގެ މައްސަލަތަކާއި، ދާއިރާ ނޫން ދާއިރާތަކުގެ ވޯޓު ކަރުދާސް ދޫކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ވޯޓުލާ މަރުކަޒުތައް ކައިރީގައި ކެންޑިޑޭޓުން މަޑުކޮށްގެން ތިބުމުގެ މައްސަލަތައް ވެސް ވަނީ ފާހަގަކުރެވިފައެވެ.

ނަމަވެސް، މިހާތަނަށް ހުށަހެޅުނު އެއްވެސް ޝަކުވާއަކީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ ސީރިއަސް މައްސަލައެއް ނޫން ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އިންތިހާބުގެ ވޯޓުލުން ނިމި، މިހާރު ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް ފަށާފައިވާއިރު، މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 294,876 މީހުންގެ ތެރޭގައި 150,370 ފިރިހެނުންނާއި 144,506 އަންހެނުން ހިމެނެއެވެ.