ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވޯޓުލުން ނިމި، ބައެއް ވޯޓު ފޮށިތައް ގުނަން ފަށައިފިއެވެ. މިއަދު ހަވީރު 5:00 އާ ހަމައަށް ވޯޓުލާ ވަގުތު އިތުރުކުރުމަށްފަހު، ކިއުތައް ހުސްވި މަރުކަޒުތަކުގައި މިހާރު ދަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުލުން ބަންދުކުރުމަށްފަހު ވޯޓު ގުނުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. ބައެއް ރަށްރަށާއި މާލޭގެ ބައެއް މަރުކަޒުތަކުގައި މިހާރު ވޯޓު ފޮށިތައް ކަނޑައި، ނަތީޖާ ކަށަވަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 62 ޕަސަންޓަށް ވުރެ މަތިވެފައިވާއިރު، ގިނަ ބަޔަކު ދަނީ ވަގުތީ ނަތީޖާއަށް އިންތިޒާރު ކުރަމުންނެވެ.
މިއަދުގެ އިންތިހާބަކީ ތިން ވޯޓެއް އެއްކޮށް ކުރިއަށްދިޔަ އިންތިހާބަކަށް ވުމުން، ވޯޓު ގުނުމުގެ މަސައްކަތަށް ގިނަ ވަގުތު ނަގާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ބައެއް ފޮށިތަކުގެ ވަގުތީ ނަތީޖާތައް މިހާރު ދަނީ ލިބެމުންނެވެ. އިންތިހާބާ ގުޅިގެން މާދަމާއާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިން ހަމަޖައްސަވާފައެވެ.