މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި ވޯޓުލާ މީހާއަށް އޮޅިގެން ނުބައި ވޯޓު ފޮށްޓަކަށް ކަރުދާސްކޮޅު ލެވުނު ކަމުގައި ވިޔަސް، އެ ވޯޓެއް ބާތިލު ނުވާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.
މިއަދު ކުރިއަށްދަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) އިންތިހާބުގެ އިތުރުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެކެވެ. މި ތިން ވޯޓު އެއްފަހަރާ ކުރިއަށްދާތީ، ވޯޓުލާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޫކުރާއިރު، ކޮންމެ މަރުކަޒެއްގައިވެސް ތިން ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އުސޫލެއްގެ ގޮތުން ކޮންމެ ކަރުދާހެއްވެސް ލާންޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ ފޮށްޓަށެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މިއަދު މެންދުރު 2 ޖެހުމާ ހަމައަށް، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 44 ޕަސަންޓު މީހުން ވޯޓުލާފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމަށް ކިޔޫގައި އެބަތިބި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެން ބައެއް އިންތިހާބުތަކުގައި ވޯޓުލުމުގެ ގަޑި އިތުރުކުރި ނަމަވެސް، މިފަހަރުގެ އިންތިހާބުގައި ގަޑި އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް އީސީން ނުގެންގުޅޭ ކަމަށް ޒާހިދު ވިދާޅުވިއެވެ. ހަވީރު 4:00 ޖަހާއިރު ކިޔޫތައް ބަންދުކުރާނެކަން ފާހަގަކުރައްވައި އޭނާ ވަނީ، “އަޅުގަނޑުގެ އިލްތިމާސަކީ 4 ގެ ކުރިން ކިޔޫއަށް އަރާވަޑައިގަތުމަށް،” ކަމަށް ވިދާޅުވެފައެވެ.
އީސީން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ހަވީރު 4 ޖަހާއިރު ކިޔޫ ބަންދުކުރި ނަމަވެސް، ވަގުތު ހަމަވުމުގެ ކުރިން ކިޔޫއަށް އަރައިފިނަމަ އެ މީހަކަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެހެންކަމުން ވޯޓުލުމުގެ ހައްގު ނުގެއްލެނީސް ވީހާވެސް އަވަހަކަށް ވޯޓުލާ މަރުކަޒަށް ގޮސް ކިޔޫގައި ޖެހުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.