މިއަދު ކުރިއަށްދާ އިންތިހާބުގެ ވޯޓުލުމުގެ ގަޑި އިތުރުނުކުރާނެ ކަމަށާއި، ހަވީރު 4:00 ގެ ކުރިން ވޯޓުލާ މަރުކަޒުތަކުގެ ކިޔޫއަށް އެރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ.
ޕީއެސްއެމްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މިއަދު މެންދުރު 2 ޖެހުމާ ހަމައަށް، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 44 ޕަސަންޓު މީހުން ވޯޓުލާފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމަށް ކިޔޫގައި އެބަތިބި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެން ބައެއް އިންތިހާބުތަކުގައި ވޯޓުލުމުގެ ގަޑި އިތުރުކުރި ނަމަވެސް، މިފަހަރުގެ އިންތިހާބުގައި ގަޑި އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް އީސީން ނުގެންގުޅޭ ކަމަށް ޒާހިދު ވިދާޅުވިއެވެ. ހަވީރު 4:00 ޖަހާއިރު ކިޔޫތައް ބަންދުކުރާނެކަން ފާހަގަކުރައްވައި އޭނާ ވަނީ، “އަޅުގަނޑުގެ އިލްތިމާސަކީ 4 ގެ ކުރިން ކިޔޫއަށް އަރާވަޑައިގަތުމަށް،” ކަމަށް ވިދާޅުވެފައެވެ.
އީސީން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ހަވީރު 4 ޖަހާއިރު ކިޔޫ ބަންދުކުރި ނަމަވެސް، ވަގުތު ހަމަވުމުގެ ކުރިން ކިޔޫއަށް އަރައިފިނަމަ އެ މީހަކަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެހެންކަމުން ވޯޓުލުމުގެ ހައްގު ނުގެއްލެނީސް ވީހާވެސް އަވަހަކަށް ވޯޓުލާ މަރުކަޒަށް ގޮސް ކިޔޫގައި ޖެހުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.