English Edition
Dhivehi Edition

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ހިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން މިހާތަނަށް 36 މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. މިއީ މިއަދު ހެނދުނު ވޯޓުލުން ފެށުނު ވަގުތާ ދިމާކޮށް ހުށަހެޅިފައިވާ ޝަކުވާތަކެކެވެ.

އީސީން ބުނި ގޮތުގައި، މިއަދު ހެނދުނު 7:00 އިން ފެށިގެން 9:00 އާ ހަމައަށް އެ ކޮމިޝަނުގައި ގާއިމުކޮށްފައިވާ ކޮމްޕްލެއިންސް ބިއުރޯއަށް ވަނީ ގިނަ ޝަކުވާތަކެއް ލިބިފައެވެ. އެގޮތުން ފޯނު މެދުވެރިކޮށް 28 ޝަކުވާއެއް ހުށަހަޅާފައިވާއިރު، އީމެއިލް މެދުވެރިކޮށް ހަތް ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ.

މި ޝަކުވާތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ވޯޓުލާ ސަރަހައްދާ ގުޅޭ މައްސަލަތަކެވެ. އެކަމާ ގުޅޭ އަށް ޝަކުވާއެއް ލިބިފައިވާއިރު، މަނާ ގަޑިތަކުގައި ކެމްޕެއިން ކުރުމާ ގުޅޭ ހަތް ޝަކުވާއަކާއި، އިންތިހާބީ މައުލޫމާތުތަކާ ގުޅޭ ހަތަރު ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ވޯޓު ކަރުދާހާ ގުޅޭ ތިން މައްސަލައަކާއި، ވޯޓުލުމުގެ މަރުހަލާއާ ގުޅޭ ދެ ޝަކުވާއެއްގެ އިތުރުން އެހެނިހެން ފަސް މައްސަލައެއް ހިމެނެއެވެ.

އިންތިހާބާ ގުޅޭ އެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން ވަނީ އާންމުންނަށް ވަރަށް ފުޅާކޮށް ހުޅުވާލާފައެވެ. އެގޮތުން ޝަކުވާ ފޯމު މެދުވެރިކޮށްގެންނާއި އޮންލައިންކޮށް ވެސް މައްސަލަތައް ރިޕޯޓުކުރުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވެއެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި މި ތިން އިންތިހާބުގެ ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުލާ މަރުކަޒު ގާއިމުކޮށްފައިވާއިރު، މި އިންތިހާބުތަކުގައި ޖުމުލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.