English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް ނިއުސް

ދިވެހި ރައްޔިތުން ނުކުމެ، ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ރައީސް ވޯޓު ލެއްވެވީ ތާޖުއްދީން ސްކޫލްގައި ހުރި ވޯޓު ފޮއްޓަށެވެ.

ވޯޓުލެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވޯޓުލުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އެހެންވެ، ގާނޫނީ ހައްގު އަދާކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި އިންތިހާބުތަކުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މިއަދުގެ އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ. ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެއިންތިޚާބަކަށް ޚާއްސަކޮށްފައިވާ ފޮއްޓަށެވެ. އިލެކްޝަންސް ކޮމިޝަނުން ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށްރަށާއި ރިސޯޓްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގައި ޖުމްލަ 588 ފޮއްޓެއް ބަހައްޓާފައިވެއެވެ.