English Edition
Dhivehi Edition
ލޯކަލް ކައުންސިލް އިންތިހާބު 2026

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާން ފެށިތާ ދެ ގަޑިއިރުގެ ތެރޭގައި 62،000 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 21 ޕަސަންޓެވެ.

މެންދުރު 12:00 އާ ހަމައަށް ޖުމުލަ 62،083 މީހުން ވަނީ ވޯޓުލާފައެވެ. އީސީން ބުނި ގޮތުގައި މީގެ ތެރޭގައި ހިމެނެނީ 28،838 އަންހެނުންނާއި 33،245 ފިރިހެނުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ކުރިއަށްދާ ތިން އިންތިހާބަށް ޖުމުލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި މި އިންތިހާބުތަކުގައި އެކި ޕާޓީތަކުންނާއި އަމިއްލަ ގޮތުން ޖުމުލަ 2،961 ކެންޑިޑޭޓުން އަންނަނީ ވާދަކުރަމުންނެވެ.

ކެންޑިޑޭޓުންގެ އަދަދުތަކަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިހާބުގައި 1،593 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ނުކުމެފައިވެއެވެ. އީސީން ބުނި ގޮތުގައި މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެ ޕާޓީން އެކަނިވެސް 1،322 ކެންޑިޑޭޓުން ނެރެފައިވެއެވެ.

މި އިންތިހާބުތަކަކީ ރާއްޖޭގެ ރަށްތައް ހިންގުމަށް މުހިންމު އިންތިހާބުތަކަކަށް ވާއިރު، އީސީން ބުނި ގޮތުގައި މިއަދު ކުރިއަށްދާ ވޯޓުލުމަށް 888،845 ވޯޓު ކަރުދާސް ވަނީ ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕުކޮށްފައެވެ.