English Edition
Dhivehi Edition
ރާއްޖެއައި ޓޫރިސްޓުން: ފޮޓޯ މިހަރު

މި އަހަރުގެ ފުރަތަމަ ދެ މަހު ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައިސްފައި އޮތުމަށް ފަހު، ނިމިދިޔަ މާޗު މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރީ އެންމެ 161،259 ޓޫރިސްޓުންނެވެ.

މިއީ 2025 ވަނަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 20.7 ޕަސަންޓުގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެއަށް 203،468 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ނަމަވެސް، މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސް، ބޮޑު ރެކޯޑެއް ހަދާފައިވާކަން ފާހަގަކޮށްލެވެ އެވެ.

މާޗު މަހު ޓޫރިސްޓުން އައި އަދަދު މިހާ ބޮޑަށް ދަށްވެފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެގޮތުން، އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އަށް ވަނީ އޭގެ ނޭދެވޭ އަސަރު ފޯރާފަ އެވެ.

މި ނުތަނަވަސްކަމާ ހުރެ، ރާއްޖެއަށް ދަތުރުކުރާ މެދުއިރުމަތީގެ ބޮޑެތި އެއާލައިންތައް ކަމަށްވާ ގަތަރު އެއާވޭސް، އެމިރޭޓްސް، ފްލައި ދުބާއީ އަދި އިއްތިހާދު ފަދަ އެއާލައިންތަކުގެ ދަތުރުތަކަށް ބުރޫއަރައި، ފްލައިޓުތައް މަދުވި އެވެ. އެހެންނަމަވެސް، މިހާރު އަލުން އެ އެއާލައިންތަކުގެ ދަތުރުތައް ކޮންމެވެސް ވަރަކަށް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެ އެވެ.

މާޗު މަހު ޓޫރިސްޓުން އައި އަދަދު ދަށްވި ނަމަވެސް، އަހަރުގެ ފުރަތަމަ ދެ މަހުގެ ރަނގަޅު ނަތީޖާއާ އެކު، މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު އުޅެނީ ކުރީ އަހަރާ އަޅާބަލާއިރު އިތުރުކޮށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 643،218 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.1 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 636،321 ޓޫރިސްޓުންނެވެ.