އިލެކްޝަންސް ކޮމިޝަނުން އެއްވެސް ރައްޔިތެއްގެ ވޯޓުލުމުގެ ހައްގައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ވޯޓުލުމަށް ނާންގާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީން މިހެން ބުނެފައިވަނީ ސޯޝަލް މީޑިއާގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ސުއޫދު ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ސިއްރުކަން ގެއްލޭގޮތަށް އެ ކޮމިޝަނުން އަމަލުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. އެގޮތުން، ވޯޓުލާންދާ މީހާ ކައިރިން ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އެހުމަށްފަހު 3 ވޯޓު ކަރުދާހުގެ ބަދަލުގައި އެ މީހަކު ވޯޓުލާން ބޭނުންވާ ކަމަށް ބުނާ ކަރުދާސްކޮޅު އެކަނި ދިނުމަށް ނިންމާފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި 3 ވޯޓުގެ 3 ކަރުދާސް ވޯޓުލާން ދާ މީހާއަށް ދިނުމަށް އިސީން ބޭނުން ނުވާ ކަަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
އިންތިހާބުގެ ސިއްރުކަން ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަން ނިންމާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްްގައި އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަޙްމާން ސަލާހު ރަޝީދު ވިދާޅުވީ ވަކިގޮތަކަށް ވޯޓުލުމަށް ރައްޔިތުންގެ ކައިރީގައި ބުނުމަކީ އެ ކޮމިޝަނުން އަމަލުކުރާ ހަމަތަކެއް ނޫން ކަމަށެވެ. އަދި އެގޮތަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ކުރިންވެސް އެ ކޮމިޝަނުން ނިންމަވާފައިވާ ގޮތަށް ކޮންމެ ރައްޔިތަކަށްވެސް 3 ވޯޓު ކަރުދާސްކޮޅު ލިބިގެންދާނެ ކަމަށާއި ނުފޫޒުން އެއްކިބާވެ ވޯޓުލުމުގެ ހައްގު ކަށަވަރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.