މިފްކޯ އިން ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަގުސަދުގައި ހުޅުމީދޫގައި ގާއިމުކުރި “އައްޑޫ ފިޝް ޕްރޮސެސިން ފެސިލިޓީ” ހުޅުވައިފިއެވެ.
އައްޑޫ ފިޝް ޕްރޮސެސިން ފެސިލިޓީ ހުޅުވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިތަން ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފެވެ.
މިފްކޯއިން ބުނީ މިއީ ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަގުސަދުގައި ހުޅުވި ސެންޓަރެެއް ކަމަށާއި، މި ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް އިތުބާރުހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި މަސްވެރިކަމުން ނަފާ އިތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މިފްކޯއިން ބުނީ މި ފެސިލިޓީގައި މަސް ޕްރޮސެސް ކުރުމުގައި ބޭނުންކުރާނީ ބްލާސްޓް ފްރީޒިން މެތަޑުކަމަށެވެ. މިއީ މަސް ފަދަ އަވަހަށް ހަލާކުވާ ތަކެތި ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ގަނޑުކުރުމަށް ބޭނުންކުރާ ސިނާއީ ގޮތުން ކުރިއަރާފައިވާ މެތަޑެކެވެ.