ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހިދުމަތްތައް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ގެނައި ބޮޑު ބަދަލެއްގެ ގޮތުން، އެ އެޖެންސީގެ ކޯލް ސެންޓަރު އެންސްޕާގެ އައްޑޫ އޮފީހުގައި ގާއިމްކޮށް ހިދުމަތް ދޭން ފަށައިފިއެވެ. ސިއްހީ ވުޒާރާއިން ވިދާޅުވީ، މިއަދުން ފެށިގެން އެންސްޕާގެ ކޯލް ސެންޓަރުގެ ހިދުމަތްދޭ ގަޑިތައްވެސް އިތުރުކޮށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
މި ބަދަލާއެކު އެންސްޕާގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ވީހާވެސް ފަސޭހަކަމާއެކު ހިދުމަތްތަކުގެ މައުލޫމާތާއި، އެކިއެކި އެހީތަކުގެ އަދާހަމަ ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން އެންސްޕާއިން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއި، މެޑިކަލް ވެލްފެއަރ ނުވަތަ ބޭސްފަރުވާގެ އެހީ، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު އެންސްޕާގެ ހޮޓްލައިން ނަންބަރު 1402 އަށް ގުޅައިގެން ސާފުކުރެވޭނެއެވެ. މީގެ އިތުރުން، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށްވެސް މި ހޮޓްލައިން މެދުވެރިކޮށް އެހީތެރިކަން ލިބޭނެއެވެ.
އިދާރީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެންސްޕާގެ ހިދުމަތްތަކަށް މިހާރު “ވަންގަވް” ޕޯޓަލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީ، ކާބޯތަކެތި ގަތުމަށް ދޭ އެހީ، ތެލެސީމިއާ އެލަވަންސް، އަދި ތެރަޕިއުޓިކް ފަރުވާގެ އެހީގެ ޕްރޮގްރާމްތައް ހިމެނެއެވެ. މި އާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެންސްޕާގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެއެވެ.