English Edition
Dhivehi Edition
އައްޑޫ ޕޯޓުގައި ބޮންޑެޑް ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ހާލަތާ ގުޅިގެން ދުބާއީ ފަދަ ސަރަހައްދުތަކުން މުދާ ގެނައުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެއާ ކާގޯ މެދުވެރިކޮށް ރާއްޖެއަށް މުދާ ގެންނަ މިންވަރު އިތުރުވާން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ބައެއް ދަތިތައް ކުރިމަތިވި ނަމަވެސް، މިހާރު މަޑުމަޑުން އެއާ ކާގޯގެ ހިދުމަތް ރަނގަޅުވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ މުދާ ގެނައުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ބޭހާއި ތެޔޮ އަދި ގޭސް ދަތިކަމެއް ނެތި ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އާންމުކޮށް މުދާ ނުގެންނަ ގައުމުތަކާ އެކު ވެސް ވިޔަފާރީގެ ގުޅުން ފުޅާކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން އިންޑިއާ އާއި ޗައިނާ އާއި މެލޭޝިއާ އާއި ވިއެޓްނާމާއި އިންޑޮނީޝިއާ އަދި ތައިލެންޑުން މިހާރު ގެންނަ މުދަލުގެ އިތުރުން އެހެން ބާވަތްތައް ވެސް ފަސޭހައިން ގެނައުމަށް އެ ގައުމުތަކާ ސީދާ މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. “

އަޅުގަނޑުމެންނަށް ވިޔަފާރީގެ ގުޅުން މާބޮޑަށް ބަދަހިކުރެވިފައި ނެތް މާކެޓްތަކާ އެއްކޮށް އަޅުގަނޑުމެން މިދަނީ މިހާރުން މިހާރަށް ވެސް އެފަރާތްތަކާ ވާހަކަ ދައްކައިގެން ގުޅުން ގާއިމް ކުރުމުގެ މަސައްކަތްތައް ކުރަމުން،” މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންޑޮނީޝިއާ ފަދަ ގައުމުތަކުން މިހާރު ގެންނަ ފަރުނީޗަރުގެ އިތުރުން އަސާސީ މުދާ ވެސް ގެނައުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރަށް މުދާ ލިބުމުގައި އެއްވެސް ހުރަހެއް ކުރިމަތިވިޔަ ނުދިނުމެވެ. މި މަސައްކަތުގެ ދަށުން އެކި ގައުމުތަކުގެ މާކެޓްތަކަށް ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތު ހޯދައިދީ، އަސާސީ މުދާ މެދުނުކެނޑި ލިބޭނެ ޔަގީންކަން ކަށަވަރު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.