English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިންގ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރާ ފުރަތަމަ ޕާކިންގް ބިލްޑިންގގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު، އެމަނިކުފާނު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭ 1ގައި އޮތް މި ރަސްމިއްޔާތުގައި، ޕާކިންގ ބިލްޑިންގގެ ބިންގާ އަޅުއްވައިދެއްވައި، އަމަލީ ގޮތުން މަސައްކަތް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީންއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން، ޕްރައިވެޓް ސެކްޓަރ އިނިޝިއޭޓަޑް ޕްރޮޖެކްޓް (ޕީ.އެސް.އައި.ޕީ) އުސޫލުން، ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑުން، އެން.އެކްސް.ޓީ ބައި ބެޗްގެ ނަމުގައި ހުޅުމާލޭގައި، 24 މަސްދުވަހުގެ ތެރޭގައި ތަރައްގީކުރާ 13 ފަންގިފިލާގެ މި ޕާކިންގ ބިލްޑިންގަކީ، 4 ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދާއި، 500 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގައިގެ، އެންމެ ޒަމާނީ ފެންވަރުގެ ޕާކިންގ ބިލްޑިންގެކެވެ.

މިއީ މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުތައް ގިނަވެ، ޕާކުކުރެވޭނެ ސަރަހައްދު ނުލިބި، އުޅަނދުތައް ރަޖިސްޓްރީކުރުމަށް ގަރާޖު ނުލިބޭ ހާލަތު ބަދަލުކުރެއްވުމަށް ރައީސް ރާވާފައިވާ ރޭވުންތަކުގެ އަމަލަކީ މަސައްކަތްތަކުގެ ފެށުމެވެ. ގްރޭޓަރ މާލޭ އޭރިއާގެ އާބާދީ އިތުރުވަމުންދިއުމާއެކު، ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގގެ ޖާގައިގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ހުޅުމާލޭގައި 7 ޕާކިންގ ބިލްޑިންގް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބާކީ އޮތް 6 ބިލްޑިންގގެ މަސައްކަތްވެސް، ހަވާލުކުރެވިފައިވަނީ ދިވެހި 6 ކުންފުންޏަކާއެވެ.

މާލޭ ސަރަހައްދުގެ މަގުމަތަކުގައި ތޮއްހެހިފައިވާ އުޅަނދުތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ޕާކިންގ ބިލްޑިންގ އެޅުމަކީ ރައީސް ރިޔާސީ ވައުދުފުޅެކެވެ.