English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

މާލޭގެ ކަރަންކާ މަގުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. އެމީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ

މި މައްސަލައިގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން ވަނީ މީހަކު ހައްޔަރު ކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ އަންތަރު މުއްލާއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ކަމަށެވެ.