ދިވެހި ފުލުހުންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި މެސެޖުގައި، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ގައުމަށް ބޭނުންތެރި ހިދުމަތްތެރިންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުން ކަމަށް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ފުލުހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ރެޔާއި ދުވާލު ގައުމަށްޓަކައި ހިދުމަތްކުރަމުންދާ “ނޫ ލަޝްކަރަށް” ތަހުނިޔާ އާއި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ހިދުމަތް އުފެދުނީއްސުރެ މިއަދާ ހަމައަށް އެކި ދުވަސްވަރު މަގާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި އެބޭފުޅުންގެ އާއިލާތަކަށް ނުހަނު ލޯތްބާއެކު އެމަނިކުފާނު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.
ފުލުހުންގެ މުއައްސަސާއަކީ ހަރުދަނާ ދަރިންތަކެއް ތިބި ތަނަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ރާއްޖޭގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށް ވެސް އަމާންކަމާއި އިތުބާރު ކަށަވަރުކޮށްދިނުމަކީ މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ގާބިލު ބައެއްގެ ގޮތުގައި ދެމިތިބުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.