English Edition
Dhivehi Edition

ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާކުރުމަށާއި، ރާއްޖޭގައި ގިނަ ދުވަހު މަޑުކުރަން ބޭނުންވާ ޓޫރިސްޓުންނަށް ފުރުސަތު ދިނުމަށް އާ ދެ ވިސާއެއް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބުރާހިމް އެވެ. އޭނާ މިކަން ހާމަކުރެއްވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިކޮނޮމީއަށް ކުރާ އަސަރުތަކާ ބެހޭގޮތުން ބޭއްވި ބައްދަލުވުމެއްގައެވެ.

އަލަށް ތައާރަފުކުރަން މަސައްކަތް ކުރަމުންދަނީ “ރިމޯޓް ވޯކާ” ވިސާ އާއި “ކޮންޓެންޓް ކްރިއޭޓާ” ވިސާ އެވެ. މި ވިސާތަކުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރަމުން ޗުއްޓީ ހޭދަކުރަން ބޭނުންވާ މީހުންނަށް ގިނަ ލުއިތަކެއް ލިބޭނެއެވެ. މީގެ ސަބަބުން ރަށްރަށުގެ ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރު ބުންޏެވެ.

މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ 30 ޕަސަންޓަކީ މެދުއިރުމަތީގެ އެއާލައިންތަކުން އަންނަ މީހުންނެވެ. އެހެންކަމުން މި ހާލަތުން އަރައިގަތުމަށް ޓޫރިސްޓުން ގެނެވޭނެ އާ ރޫޓުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

“ރިމޯޓް ވޯކަރުން ރާއްޖެ އައިސް މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި، ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް މިދެންނެވި ރިމޯޓް ވޯކާ ނުވަތަ ކޮންޓެންޓް ކްރިއޭޓާ ގިނަވެއްޖެނަމަ އެބޭފުޅުންގެ އޮކިއުޕަންސީ ބޮޑުކުރެވިގެންދާނެ،” މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ޓޫރިސްޓުންނަށް ދޭ 30 ދުވަހުގެ އޮން-އެރައިވަލް ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ މީހުންނަށް، އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ގިނަ ދުވަހު މަޑުކުރަން ބޭނުންވާ ޓޫރިސްޓުންނަށް ދެވޭ އާ ލުޔެކެވެ.

ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށްޓަކައި “ސްޕޯޓްސް ފިޝިން” އާއި “ބިގް ގޭމް ފިޝިން” ރެގިއުލޭޓްކޮށް އެ ދާއިރާ ފުޅާކުރަން ވަނީ ނިންމާފައެވެ. އަދި ހަލާލް ޓޫރިޒަމާއި، އެޑިއުކޭޝަން އަދި ރިސާޗް ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް މިނިސްޓަރު ބުންޏެވެ.

ސުޕަރޔޮޓާއި ލިވަބޯޑުތަކަށް ލުއި ފަސޭހަ ގޮތްތައް ހަމަޖެއްސުމާއި، ޓެކްނިކަލް އަދި ރެކްރިއޭޝަނަލް ޑައިވިން ހުޅުވާލުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި ހުރިހާ މަސައްކަތަކީ ރާއްޖޭގެ ޓޫރިޒަމް އާ އުސްމިންތަކަކަށް ގެންދިއުމަށް ކުރާ މަސައްކަތްތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޓެގު