މާލޭގެ ޖުމްހޫރީ މައިދާނާއި، ސަލްޓަން ޕާކާއި، އިސްލާމީ މަރުކަޒުގެ މާބުލް ސަރަހައްދުގެ އިތުރުން ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކުގައި ވެސް މި ހަރަކާތްތައް ވަނީ ބާއްވާފައެވެ. ސިފައިންގެ އެކި ދާއިރާތަކުން ބައިވެރިވެގެން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ކޯސްޓްގާޑުގެ އުޅަނދުތަކާއި ފަޔާ ލޮރީތަކުގައި ފޮޓޯ ނެގުމާއި، ކުދި ބޯޓުފަހަރުގައި ދުއްވާލުމުގެ ފުރުސަތު ކުޑަކުދިންނަށް ވަނީ ހުޅުވާލާފައެވެ. އަދި ފޯމް ޕޫލާއި ރެޕެލިން ޓަވަރަށް އަރައި ފޭބުމުގެ ހަރަކާތްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
މި އީދު ހަވީރުގައި ސިފައިން ބޭނުންކުރާ ހަނގުރާމަމަތީ އާލާތްތަކާއި ހަތިޔާރުތައް ވެސް ވަނީ ދައްކާލާފައެވެ. ހާއްސަކޮށް އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީތަކާއި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ކުދިންނަށް ވަނީ ދީފައެވެ. މީގެ އިތުރުން ސިމިއުލޭޓަރު ތަޖުރިބާކުރުމާއި، ބަޑި ޖެހުމުގެ ހަރަކާތްތަކާއި، ސަގާފީ އެކި ހުށަހެޅުންތައް ވެސް މި ސަރަހައްދުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތްތަކަކީ އާއިލާތައް އެއްތަނަކުން ބައްދަލުވެ އީދުގެ އުފާ ފާޅުކުރުމަށް ބާއްވާ ހަރަކާތްތަކެކެވެ. މާރިޗު 21 އަދި 22 ވަނަ ދުވަހު ވެސް ކުރިއަށް ގެންދާ މި ހަރަކާތްތައް ރާވައި ހިންގުމުގައި އިސްކޮށް އުޅެނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކަމަށް ސިފައިންގެ އޮފީހުން ބުންޏެވެ. މި ހަވީރުގައި ޕެނަލްޓީ ޖެހުމާއި، އިހުގެ ފުލޯކް ވާހަކަތަކުގެ ސިފަތައް ދައްކުވައިދިނުން ފަދަ ތަފާތު ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.