English Edition
Dhivehi Edition
ވަޒީރުންގެ ޚާއްޞަ ކޮމިޓީ

ދުނިޔޭގައި މިހާރު ހިނގަމުންދާ ހަނގުރާމަޔާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ހަނގުރާމަ އެއް މަސް ދުވަހަށް ދިގުލައިގެން ގޮސްފިނަމަ ސަރުކާރަށް ލިބޭ އާމްދަނީން 85 މިލިއަނާއި 90 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އުނިވާނެ ކަމަށެވެ. މިއީ މީރާ އާއި އެމްއެމްއޭ އަދި ފިނޭންސް މިނިސްޓްރީ ގުޅިގެން ހަދާފައިވާ އަންދާޒާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިގުތިސާދީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަން ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހެލްތު ދާއިރާ އާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދެއްވުމަށް މިނިސްޓަރުންނަށް އަންގަވާފައެވެ.

“ހެލްތު ދާއިރާގެ ކަންކަން ރައްޔިތުންނަށް އުނދަގޫކަމެއް ނެތި ހިދުމަތް ލިބުމާއި، ބޯހިޔާވަހިކަމުގެ މިހާރު ފަށާފައި ހުރި ޕްރޮޖެކްޓްތައްވެސް ހުއްޓާލަން ނުޖެހޭނެ ގޮތަށް ޕްރިއޮރިޓައިޒްކޮށްގެން ގެންދަން،” ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ހަނގުރާމަ ހަ މަސް ދުވަހަށް ދެމިގެން ގޮސްފިނަމަ، ދައުލަތުގެ ފައިސާ މެނޭޖުކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި ބައެއް ތަރައްގީގެ މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުން ހިމެނެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އެޅި ނަމަވެސް، އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ނާންނާނެ ގޮތަށް ސަރުކާރުން ވިސްނާފައިވާ ކަމަށެވެ.

ހަނގުރާމަޔާ ގުޅިގެން އުފައްދާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމެޓީން މިހާރު ދަނީ އިގުތިސާދަށް އަތުވެދާނެ ބަދަލުތަކުން އަރައިގަތުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާ ބެހޭގޮތުން މެދުނުކެނޑި މަޝްވަރާ ކުރަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.