English Edition
Dhivehi Edition
އީދު އަލި ޕްރޮގުރާމުގެ ދަށުން މާލެ ދިއްލާލާފައި: ފޮޓޯ ދަ ޕްރެސް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ކުރިއަށް އޮތް ފިތުރު އީދުގައި “އީދު އަލި” ހަރަކާތް ހަމައެކަނި ރާއްޖޭގެ ފަސް ސިޓީއަށް ހަނިކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޮމިޓީގެ ޗެއާ އަދި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން، މިފަހަރު އަތޮޅުތަކުގެ ރަށްރަށުގައި ބޮކިފަތި ހަރުނުކުރާނެ ކަމަށެވެ. މީގެ ކުރިން 60 އަށްވުރެ ގިނަ ރަށްރަށުގައި ސަރުކާރުގެ ހަރަދުގައި ބޮކިފަތި ދިއްލާފައިވީ ނަމަވެސް، މިފަހަރު އެ ހަރަކާތް ކުރިއަށްދާނީ ހަމައެކަނި މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައެވެ.

އީދު ދިއްލުންތައް ހަނިކުރި ނަމަވެސް، އީދުގެ އުފާވެރިކަން ކުޑަކުދިންނަށް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ “އީދު ހަވީރު” ހަރަކާތް މިއަހަރު ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. ސިޓީތަކާބެހޭ މިނިސްޓްރީއާއި ދައުލަތުގެ ކުންފުނިތަކުން ގުޅިގެން ބާއްވާ މި ހަރަކާތުގައި، ތަފާތު ގޭމްތަކާއި ކުޅިވަރުތައް ހިމެނޭ ސްޓޯލްތައް ކުރީ އަހަރެކޭ އެއްގޮތަށް ފެނިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.