އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ22ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު “ ޗޮކްލެޓް ބޯލްސް ” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
200 ގްރާމް ޑާކް ކުކިންގް ޗޮކްލެޓް
3/4 ޖޯޑު ގެރިކިރު
މާރީ ބިސްކޯދު (44 ބިސްކޯދު)
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ މާރީ ބިސްކޯދުތައް ތައްޓަކަށް ފުނޑުފުނޑު ކޮށްލާށެވެ. ފުނޑާނީ އެހާ ހިމުންވާނެ ވަރަކަށް ނޫނެވެ.ދެން އެއަށްފަހު ފުނޑު ކުރި ބިސްކޯދުގެ ތެރެއަށް ގެރިކިރާއި ވެނީލާ އެސެންސް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއްކުރި ބިސްކޯދުކޮޅުތައް ބައިބަޔަށް ބަހާލުމަށްފަހު ކޮންމެ އެތިކޮޅެއް ބޯޅައެއް ގޮތަށް ދެއަތުން ވަށް ކޮށްލާށެވެ. އެ ބޯޅަތައް ފްރިޖުގެ ގަނޑު ކުރާ ބަޔަށް ލާފައި ރަނގަޅަށް ސެޓްވަންދެން ބަހައްޓާށެވެ. ސެޓްވުމުން ހުންނާނީ ހަރުކޮށެވެ.
ދެން ޑާކް ޗޮކްލެޓު ކުދި އެތިކޮޅު ކޮޅަށް ހުންނާނެ ގޮތަށް ކޮށާލުމަށްފަހު ތެއްޔަކަށް އަޅައި، މަޑުގިނީގައި ޑަބަލް ބޮއިލް ކޮށް ދިޔާކޮށްލާށެވެ. އެއަށްފަހު، ގަނޑު ކުރާ ބަޔަށްލީ ބޯޅަތައް ޗޮކްލެޓުގެ ތެރެއަށްލާ އޭގައި ރަނގަޅަށް ޗޮކްލެޓް އުނގުޅާށެވެ. ހުރިހާ ބޯޅަތައް ނައަޅާ ޗޮކްލެޓުގެ ތެރެއަށް ލާނީ ފަހަރަކު ދެބޯޅަ ނުވަތަ ތިން ބޯޅަ ވަރެވެ.
ޗޮކްލެޓުކޮޅު އެއްކޮށް ހޭކުމުން، އަނެއްކާވެސް ބޯޅަތައް ފްރިޖަށް ލާށެވެ. ގާތްގަނޑަކަށް 1 ގަޑިއިރުވަރު ފަހުން ހުންނާނީ އެއްކޮށް ސެޓްވެ، ޗޮކްލެޓް ބޯލްސް ތައްޔާރުވެފައެވެ.