English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ21 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު “ ޕިއްޒާ ރޯލް” ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:

1 ޖޯޑު ކުކުޅު
2 ފިޔާ (ވަރަށް ހިމުންކޮށް ކޮށާފައި)
1 ޖޯޑު ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ޗީޒް
300ގ ފުށް
1 ބިސް
1 ޖޯޑު ބެލްޕެޕާ (ހިމުންކޮށް ކޮށާފައި)
ޕިއްޒާ ސޯސް
15ގ ބަޓަރު
1 ސައިސަމުސާ ހިކި ކިރު
1 ސައިސަމުސާ ޔީސްޓް
1/2ސައިސަމުސާ އަސޭމިރުސް
1/2 ސައިސަމުސާ ލޮނު
1/2 ޖޯޑު ބެލް ޕެޕާ

ތައްޔާރުކުރާނެ ގޮތް:
ޔީސްޓް، ފުށް، ބިސް، ބަޓަރު އަދި ހިކި ކިރު ފެންފޮދެއް އަޅާފައި މޮޑެފައި މަތި ޖަހާފައި ބަހައްޓާށެވެ. ތަވާއެއްގައި ތެޔޮ ފޮދެއް ހޫނު ކުރުމަށް ފަހު ފިޔާ، ޓޮމާޓޯ އަދި ބެލް ޕެޕާ އަޅާފައި ފްރައި ކޮށްލާށެވެ. ދެ މިނެޓް ވަންދެން ފްރައި ކޮށްލުމަށް ފަހު ކުކުޅުތައް އަޅާލާށެވެ. ކުކުޅުތައް ރޯފިލުމުން އަސޭމިރުހާއި ލޮނު އަޅައި ރަހަ ހެޔޮވަރު ކޮށްލާފައި އުނދުން ނިވާލާށެވެ.
މޮޑުނު ފުށްގަނޑު ފަސް ބަޔަށް ބައި ކޮށްލާށެވެ. އަދި ކޮންމެ ފުށް ގުޅައެއް ދަމާލުމަށް ފަހު ޕިއްޒާ ސޯސް ހާކާފައި މަސް އަޅާފައި ފަތުރާލާށެވެ. މަސްގަނޑު މައްޗަށް ޗީޒް އަޅާފައި އޮޅާލާށެވެ. ދެން ދެ އިންޗި ހުންނަ ވަރަށް ބުރިބުރި ކޮށްލާށެވެ. ޓްރޭއެއްގައި ބޭކިން ޕޭޕާއެއް ބޭއްވުމަށް ފަހު ޕިއްޒާ ރޯލްތައް އަތުރާލާށެވެ. އަދި މައްޗަށް ވެސް ޗީޒް އަޅާފައި އަވަނުން 170 ޑިގްރީގައި 20 މިނެޓް ވަންދެން ފިހެލާށެވެ.