ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމުގެ ބޭނުމުގައި، 230 ބަރު މެޝިނަރީ އާއި އުޅަނދު ރާއްޖެ ގެނެސްފިއެވެ. މިއީ އެ ކުންފުނީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ގިނަ އަދަދެއްގެ މެޝިނަރީތައް ރާއްޖެ ގެނެސްފައިވަނީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް (އައިޑީއެސް) އާއި އާރުޑީސީއާ ދެމެދު ވެވުނު ފަހުމުނާމާއެއްގެ ދަށުންނެވެ. މި ތަކެތި ފޯރުކޮށްދީފައިވަނީ މިފަދަ ބަރު އުޅަނދު އުފެއްދުމުގައި ޗައިނާގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށްވާ އެކްސީއެމްޖީ މެދުވެރިކޮށެވެ. މީގެ ތެރޭގައި މަގު ހެދުމަށް ބޭނުންވާ އެންމެ ޒަމާނީ އާސްފަލްޓް މެޝިނަރީ ވެސް ހިމެނެއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއްފަހަރާ މިހާ ގިނަ އަދަދެއްގެ އުޅަނދުފަހަރާއި މެޝިނަރީ ރާއްޖެ ގެނައި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، އައިޑީއެސް އާއި ޗައިނާގެ އެކްސީއެމްޖީ ގުޅިގެން ރާއްޖޭގައި މެޝިނަރީތައް މަރާމާތުކުރާނެ ހާއްސަ މަރުކަޒަކާއި ސްޕެއާ ޕާޓްސް ވިއްކާ ސެންޓަރެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ އާރުޑީސީގެ ބިޔަ މަޝްރޫއުތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ކަށަވަރުކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
ރާއްޖޭގައި ސްޕެއާ ޕާޓްސް ލިބޭނެ އިންތިޒާމު ހަމަޖެހުމުން، މެޝިނަރީއަކަށް މައްސަލައެއް ދިމާވި ނަމަވެސް، ރާއްޖޭން ބޭރުން އެ ތަކެތި ގެނައުމަށް އިންތިޒާރުކުރާކަށް ދެން ނުޖެހޭނެއެވެ. މީގެ ސަބަބުން މައްސަލަތަކަށް އަވަސް ހައްލެއް ލިބި، އެކި ރަށްރަށުގައި ހިނގަމުންދާ މަގު ހެދުމުގެ މަޝްރޫއުތައް ނުހުއްޓި ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެއެވެ.