English Edition
Dhivehi Edition

ފާއިތުވި އަހަރުތަކުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް ކުންފުނިން ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައި ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އަމީލް ވިދާޅުވެއްޖެއެވެ .

އެލައިޑްގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި “އެލައިޑް ސްޕެޝަލް އިވެންޓް”ގައި ވާހަކަ ދައްކަވަމުން، އަމީލް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި މާލީ ގޮތުން 112 ޕަސަންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

އަމީލް ވިދާޅުވީ މިއީ މި ސަރަހައްދުގެ ކުންފުނިތަކަށް ވެސް ބަލާއިރު ވަރަށް ފާހަގަކޮށްލެވޭ ރިޒަލްޓެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންގުޅުއްވާ ރިސްކް މެނޭޖްމެންޓް ސިޔާސަތުގެ ދަށުން އެލައިޑަށް ވަރަށް ބޮޑަށް ފައިދާ ކޮށްފައިވާ ކަމަށެވެ.

” އިންޝުއަރަންސް ކުންފުންޏަކަށް އެންމެ މުހިންމީ އެކުންފުނިން ދޭ ކްލައިމްތައް. އިންޝުއަރަންސް ކްލެއިމްސްގެ ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 779 މިލިޔަން ރުފިޔާ ކަސްޓަމަރުންނަށް ދީފައިވާނެ. ހަމައެކަނި 2017 ގައި ވެސް 120 މިލިޔަން ރުފިޔާ ކްލެއިމްސްގެ ގޮތުގައި ދައްކާފައިވާނެ” ކަމަށް އަމީލް ވިދާޅުވިއެވެ.

އެމްޑީ އަމީލް ވިދާޅުވީ އެލައިޑުގެ ޓީމުން ބޭނުންވަނީ ކްލަޔަންޓުންނަށް ކަމެއް ވިއްޔާ، އެންމެ ފުރަތަމަ ގުޅައިގެން ހާލު ބަލާ ބަޔަކަށް އެލައިޑު ވުން ކަމަށެވެ.

2017 ވަނަ އަހަރުގެ ތެރޭގައި އެލައޑުން މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ކަން ފާހަގަ ކުރައްވަމުން އަމީލް ވިދާޅުވީ އޭގެ ތެރޭގައި އާ ޕޮލިސީތަކާއި ޚިދުމަތްތައް ތައާރަފު ކުރެވިފައިވާ ކަމަށެވެ.

އެލައިޑުގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި އިވެންޓުގައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް އިންޝުއަރަންސް އޭޖެންޓެއް ތައާރަފު ކޮށްފައެވެ. “އޭޖެންޓް 1600” ގެ ނަމުގައި ތައާރަފުކުރި މި ޚިދުމަތަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ޚިދުމަތެކެވެ.

ފޭސްބުކް، ވައިބާ އަދި ޓެލެގްރާމްގައި “އޭޖެންޓް 1600” ގެ ޚިދުމަތް ލިބޭނެއެވެ.

އެލައިޑުގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެލައިޑް ސްޕެޝަލް އިވެންޓުގައި، އެލައިޑުގެ ޖެނެރަލް މެނޭޖަރ އަހްމަދު ރިޔާޒީ މުހައްމަދު ވިދާޅުވީ، އަލަށް ތައާރަފް މިކުރެވުނީ އެލައިޑުގެ ޚިދުމަތްތަކާ ބެހޭ މައުލޫމާތު ދޭ ރޮބޮޓެއް ކަމަށެވެ.