ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި މަސައްކަތުން، ނިމިދިޔަ ފެބުރުވަރީ މަހު 666 މިލިއަން ރުފިޔާ ހޯދައިފިއެވެ. މިއީ އެ މަހު މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 16.9 ޕަސަންޓު ކަމަށް އެ އޮތޯރިޓީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ. ފެބުރުވަރީ މަހު މީރާއަށް ޖުމްލަކޮށް ލިބިފައިވަނީ 2.80 ބިލިއަން ރުފިޔާއެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލު ހާމަކުރަމުން މީރާ އޮފީހުން ބުނީ، ނޯޓިސް ފޮނުވައިގެން 399 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 156 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބާކީ ފައިސާއަކީ އިންސްޓޯލްމަންޓް އެއްބަސްވުންތަކާއި، ފޯނު ކޯލުތަކުގެ އިތުރުން ބޭންކް އެކައުންޓްތައް ހިފަހައްޓައިގެން ހޯދި ފައިސާއެވެ. މީގެ އިތުރުން، މިދިޔަ މަހު ލިބުނު އާމްދަނީގެ 19.0 ޕަސަންޓަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ.
ފެބުރުވަރީ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ ޖީ.އެސް.ޓީ އެވެ. އެއީ 1.4 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީއިން ނަގާ ޓެކުހުންނެވެ. މީރާއިން ބުނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު އާމްދަނީ 0.8 ޕަސަންޓު ދަށްވެފައިވާ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ރިޒޯޓު ކުލީގެ އާމްދަނީ މަދުވުމާއި، ޓެކުހުގެ ސުންގަޑިތައް ބަންދު ދުވަސްތަކާ ދިމާވުމުން ސުންގަޑިތައް ފަސްވުމެވެ.