English Edition
Dhivehi Edition

މިއީ ވާހަކައެއް ނޫނެވެ.އެހެނަސް ނިއުޅެމުންދާނީ ހިތި ޙަޤީގަތެވެ.ފިރިހެނުންގެ އަނިޔާވެރިކަމާއި އަޅާލުން ކުޑަކަމާއި އަގުވަޒަން ނުކުރުމުގެ ސަބަބުން ލޮލުން ކަރުނަ އޮހޮރަނީ ކިތައް އަންހެނުން ހެއްޔެވެ.ވަރަށް ގިނައެވެ. އަދި އެ ހިތާމައިގައި ނުކުޅެދުންތެރިންނަށް ވެފައި ތިބި އަންހެނުން ވެސް ގިނައެވެ.އެފަދަ ދެ ޙާދިސާއެއް ކުރުކޮށް ޙިއްސާކޮށްލާނަމެވެ

ވަގުތަކީ 4 އަހަރުގެ ބުރަ، ކިޔެވުން ނިންމާފައި އުފާވެރިކަމުގެ ހެދުން އަޅައިގެން ޝަރަފުވެރި ސަނަދު ހޯދުމަށް ތައްޔާރުވަމުން ދިޔަ ވަގުތެވެ.ދަސްވެނިވުމުގެ ޙަފުލާއަށް ދާން ތައްޔާރުވަމުން ދިޔަ ގަޑީގައި މީހަކު ގުޅިއެވެ. ގުޅާފައި ދެއްކީ ފިރިމީހާ ބޭވަފާތެރިވި ވާހަކައެވެ. ފޯނު ބާއްވާފައި އޭނާ ފޮނުވީ އެކަމުގެ ޙަޤީޤަތް އެނގޭނެފަދަ ސްކްރީން ޝޮޓުތަކެކެވެ. އެވަގުތު ހެމުން ދިޔަ އެ އަންހެން ކުއްޖާއަށް ހީވީ ޚަންޖަރެއް ހަރާލިހެންނެވެ. ކައިރީގައި އިން އޭނާގެ އެކުވެރިޔާ އޭނާއާއި ކުރީ ވޭނުން ފުރިގެންވާ ސުވާލެކެވެ. “އަހަރެންގެ ފިރިމީހާ އަހަންނަށް ބޭވަފާތެރިވީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟” ތެދެކެވެ. އޭނާ ދަންނަ ކޮންމެ މީހަކު ދައްކަނީ އޭނާގެ ތެދުވެރިކަމާއި ހީވާގި ކަމާއި ސާފުތާހިރުކަމުގެ ވާހަކައެވެ. ފިރިމީހާއަށް ޚިދުމަތް ކުރުމުގެ އެއްވަނައެވެ. އެހެނަސް އެ ކުޅިވަރު ފެށީ އެކުގައި އެއް ރަށެއްގައި އުޅެމުންނެވެ. ކޮންފަދަ އަނިޔާވެރި ހެއްޔެވެ؟ ހިތުގެ ރާނީގެ ލަގަބުދީގެން ރަސްކަމުގެ ދަރުބާރުގައި ގެންގުޅެމުން އެ ދިނީ ވޭނީ ސަޒާއެކެވެ. އޭނާގެ ދެއްކުންތެރި ތަމްސީލުގައި އެއީ އޭނަގެ ރާނީއެވެ. ރާނީ ރޮއްވާލީ ރަސްގެފާނެވެ. ދަސްވެނިވުމުގެ ޙަފުލާގައި ކުދިން ރުއީ ހެމުންނެވެ. އެހެނަސް އެ ޒުވާނާ ރުއީ ބޭވަފާގެ ހިތި ޒަހަރު ލިބުމުން ކުރަމުން ދިޔަ ވޭނީ އިޙުސާސްތަކަށް ކެތްނުވެގެންނެވެ. ދެން އެ އަންހެންކުއްޖާ މި ދުނިޔޭގައި އެހެން މީހަކަށް ދޭނެ ޚިދުމަތެއް ކުރާނެ އިތުބާރެއްނެތެވެ.

މިކަހަލަ އެތައް ރާނީއަކާއި ރަސްގެފާނެއް އުޅެއެވެ. އެހެން ޙާދިސާއެކެވެ. އެދެމީހުން ކައިވެނި ކުރީ ކިޔެވުމުގެ މަރުޙަލާ ރަނގަޅަށް ފުރިހަމަވެސް ނުވަނީހެވެ. އިނދެގެން 4 ކުދިން ލިބި ،އުޅޭނެ ގެއެއް އަޅާ ކުދިން ބޮޑެތި ވެއްޖެއެވެ. ދިރިއުޅެން ފެށީ ލޯބިންނެވެ. އަނބިމީހާ ހުންނަނީ އަބަދު ފިރިމީހާގެ ޚިދުމަތުގައެވެ. އެކަމަކު އަބަދު އިވެނީ ކޮންމެވެސް އަންހެނެއްގެ ފަހަތުން ދާ ވާހަކައެވެ. އެފަދަ ވާހަކައެއް އިވުމުން ހުރިހާ ވާހަކައެއް ދޮގު ކުރެއެވެ. އެކުގައި 20 އަހަރު ފާއިތުވީއެވެ. އަގުވަޒަންކުރުމެއް ހެޔޮ ބަހެއް ބުނެ ނުލާތާ ފައިސާ ފޮއްޗެއް ވެސް ހޭދަކޮށް ނުލައެވެ. ގެއަށް ބޭނުންވާ ޒަރޫރީ އެއްޗެހި ވެސް ހަމަ ނުވެއެވެ. އެ ޙާލަތުގައި ކެތްކުރަމުން އައީ ކުދިންނަށް ޓަކައެވެ. އެހެނަސް ނިމުނީ ވަރީގެ ޢިބާރާތުންނެވެ. މިފަހަރު ވެސް ހިތުގެރާނީ އޭ ގޮވަމުން އައި ރަސްގެފާނު އެ “ރާނީ” ރޮއްވާލީ އެހެން “ރާނީ” އަކަށް ޓަކައެވެ.

މިކަހަލަ އެތައް ވާހަކައެކެވެ. އަންހެނުންގެ ވާހަކައެވެ. ފިރިންގެ ފަރާތުން ލިބޭ ޖިސްމާނީ ނަފުސާނީ އަނިޔާގެ ވާހަކަތަކެވެ. ކުދިންގެ އަތުގައި ހިފައިގެން އެއް ގޭގެ އަސްކަނި ދަށުގައި ނިދައިގެން އަނެއްގޭގެ ފާޚާނާ ބޭނުންކޮށްގެން ދަރިން ބޮޑެތި ކުރުމަށް ޓަކައި ކުދިންގެ މަންމަ ގަނަތެޅޭ އިރު އެއްކަލަ ރަސްގެފާނު،ކުދިންގެ ބައްޕަ ދެ ޖީބަށް އަތްޖަހައިގެން މަތިހަށި ނަގާފައި ހުރެއެވެ.

އެހެނަސް މި ރާއްޖޭގައި ކުށްވެރި ވަނީ އަންހެނުންނެވެ. މަންމައެވެ. އެއީ ފިރިހެނުންގެ ގޮތޭ ބުނެއެވެ. މިހެން ބުނާ މީހުންގެ ވާހަކަ ބަދަލުވާނީ އެފަދަ މީހުންނަށް އެފަދަ ކަމެއް ދިމާވެއްޖެނަމައެވެ. އެފަދަ ގޮތެއް މެދުވެރި ނުކުރައްވާށިއެވެ.

މި ވާހަކަ ދައްކާއިރު ހިތްދަތި ފިރިހެނުން ހިތުގެ ޝިކާޔަތުގެ އަޑު ވެސް އިވެއެވެ. ފިރިހެނުންގެ ތެރޭގައި ވެސް ހިތްދަތިކަން ތަޙައްމަލްކުރާ ފިރިން އުޅެއެވެ. އެހެނަސް ރާއްޖޭގައި ނިސްބަތުން ގިނައީ ފިރިހެނުންގެ އަނިޔާ ލިބޭ އަންހެނުންނެވެ. ޚަރަދު ނުކުރުމާއި އަޅާނުލުމެވެ. އެއްޗެހި ގޮވުމާއި އަގުވަޒަން ނުކުރުމެވެ. ކުދިން ރުޔަސް ކަހާތަން ހިރުވާ ނުލާ މީހުން އުޅެއެވެ. ގެއަށް އައިސް އެއްޗެހި ގޮވާލަނީ އަޅެއް ހެންނެވެ. ރަނގަޅު އޯގާތެރި އަޅާލާ މީހަކު ފެންނަނަމަ އަނބިދަށުވީއޭ ގޮވާލާނެއެވެ.

ވަޒީފާއަށް ދިޔަޔަސް ނުދިޔަޔަސް ރާއްޖޭގެ އަނބިންނަށް އޮންނަނީ 24 ގަޑި އިރުގެ ވަޒީފާއެކެވެ. އަގުވަޒަންކުރުމެއް ނެތެވެ. މި ދިވެހި ގައުމުގެ ހުރިހާ ފިރިހެނުންނަށް އުއްމަތުގެ ސާހިބާގެ ސިޔަރަތު ދިރާސާކުރުމަށް ހަނދާންކޮށްދެމެވެ. ނުހަނު ބުރަ ބޮޑު ޒިއްމާތައް އަދާކުރައްވަމުން އަނބިކަނބަލުންގެ ޒިއްމާ އަދާކުރެއްވި ލޯބި ގޮތްތަކާމެދު ފިކުރު ހިންގާނަމަ ފުރިގެން ބަންޑުންވާނީ އުފާވެރިކަމުގެ ކަރުނައެވެ. އޭރުން ތިބާގެ ދަރުބާރުގައި ރާނީ ހުންނާނީ ފޮޅިފައެވެ.