English Edition
Dhivehi Edition
ޖުލައި 15 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންތަކެއް ބޯޓުން ފައިބަނީ - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ހާލަތާ ގުޅިގެން، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ ދެ އެއާލައިން ކަމަށްވާ އެމިރޭޓްސް އާއި ގަތަރު އެއާވޭސްގެ ދަތުރުތައް މެދުކަނޑާލައިފިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މި ދަތުރުތައް ހުއްޓާލަން ޖެހުނީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ރައްދު ހަމަލާތަކުގެ ސަބަބުންނެވެ. އެހެންވެ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ގަލްފުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި އެމިރޭޓްސް، ގަތަރު އެއާވޭސްގެ އިތުރުން ފްލައިދުބާއީ، އިއްތިހާދު އަދި ކުވައިތު އެއާވޭސްގެ ދަތުރުތައް ވެސް ވަނީ މެދުކަނޑާލާ ނުވަތަ މަދުކޮށްފައެވެ.

ދަތުރުފަތުރަށް އެރި މި ބޮޑު ލޮޅުމާއެކު، މާލެއިން ފުރައިގެން ދުބާއީއަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ވަނީ ކުއްލި ގޮތަކަށް އަނބުރާ ރާއްޖެ އައިސްފައެވެ. އަދި ޔޫރަޕަށް ދަތުރުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ދެ ޕްރައިވެޓް ޖެޓެއް ވެސް ދަތުރު މެދުކަނޑާލުމަށް ފަހު އެނބުރި ރާއްޖެ އައިސްފައިވެއެވެ. މީގެ އިތުރުން ދުބާއީ އެއާޕޯޓުގެ ހުރިހާ ދަތުރުތަކެއް ވެސް ވަނީ ހުއްޓާލާފައެވެ.

ޔޫއޭއީގެ އޭވިއޭޝަން އޮތޯރިޓީން ބުނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރީ ސަލާމަތީ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ގަތަރާއި ކުވައިތުގެ އިތުރުން ބަހްރޭނުން ވެސް ވައިގެ ދަތުރުފަތުރު ހުއްޓާލީ އެ ގައުމުތަކުގެ ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދޭން އުޅޭ ކަމުގެ ރިޕޯޓުތަކާ ގުޅިގެންނެވެ.

އެއް ވަގުތެއްގައި މި ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑު ހުރަސްތަކެއް ކުރިމަތިވެފައެވެ. މިއީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ، ރާއްޖޭގެ އިގުތިސާދަށް ވެސް އޭގެ ގެއްލުންތައް ފޯރާނެ ކަމެއް ކަމަށް ބެލެވެއެވެ.