ސައުދީ ޕްރޮފެޝަނަލް ލީގުގެ ބޮޑެތި ކްލަބްތަކުގެ ސްޕޮންސަރުންނާ ދެކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުރަމުންދާ ހަޅުތާލާ ގުޅިގެން، ސައުދީގެ މަޝްހޫރު މީޑިއާ ޝަހުސިއްޔަތެއް ކަމަށްވާ ވަލީދު އަލް-ފަރާޖް އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ރޮނާލްޑޯގެ މި ހަޅުތާލުގެ ސަބަބުން އޭނާ ވަނީ ލީގުގެ ފަހު ދެ މެޗުގައި ކުޅުމާ ދުރުގައި ހުރެފައެވެ.
ޓީވީ ޝޯ ‘އެކްޝަން ވިތް ވަލީދު’ ގައި ވާހަކަ ދައްކަމުން އަލް ފަރާޖް ބުނީ، ރޮނާލްޑޯ އެނބުރި އައުމަށް އެދި އަލް ނަސްރުން އޭނާގެ ކުރިމަތީގައި ކަކޫ ނުޖަހާނެ ކަމަށެވެ. ރޮނާލްޑޯ ނެތަސް އެއީ ވަރުގަދަ ޓީމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އޭނާ ބުންޏެވެ.
“އަހަރެމެން ކުޅުންތެރިއެއްގެ ކުރިމަތީގައި ބޯނުލަނބާނަން. ކުޑަކަކޫ ނުޖަހާނަން. އަހަރެމެން އޭނާގެ ކިބައިން އާދޭސް ކުރަންވީތަ؟ އަހަރެމެންގެ ގައުމާއި ލީގު ކޮންމެ ކުޅުންތެރިއަކަށް ވުރެ މާ މުހިންމު. އަލް ނަސްރަކީ ރޮނާލްޑޯ ހުއްޓަސް ނެތަސް އަބަދުވެސް އެންމެ މަތީ ފަންތީގެ ކްލަބެއް،” ކޫރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލް ފަރާޖް ބުނެފައިވެއެވެ.
ނަމަވެސް، އަލް ފަރާޖްގެ މި ވިސްނުމާ އަލް ނަސްރުގެ ސަޕޯޓަރުންގެ ހިޔާލު ތަފާތެވެ. އަލް ނަސްރުން އަލް އިއްތިހާދު އަތުން 2-0 އިން މޮޅުވި މެޗުގައި ސަޕޯޓަރުން ވަނީ 41 އަހަރުގެ ރޮނާލްޑޯއަށް ތާއީދުކޮށް އިހުތިޖާޖުކޮށްފައެވެ. ސަޕޯޓަރުން ތިބީ މި މައްސަލައިގައި ރޮނާލްޑޯއާ އެކުގައިކަން އެމީހުން ވަނީ ހާމަކޮށްފައެވެ.
މި ސީޒަނުގައި ރޮނާލްޑޯ ވަނީ އަލް-ނަސްރަށް ކުޅުނު 22 މެޗުގައި 18 ގޯލު ޖަހައި 3 އެސިސްޓް ދީފައެވެ. އޭނާ ނެތި ކުޅުނު ފަހު ދެ މެޗުން ވެސް އަލް-ނަސްރު މޮޅުވެފައިވާއިރު، އެ ޓީމު މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް އަލް-ހިލާލަށް ވުރެ އެންމެ ޕޮއިންޓެއް ފަހަތުގައެވެ.