އައިކެއަރ އިން މަމްސް އެއިޑް އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ “ރަމަޟާން އެއިޑް” ކެމްޕޭނުގައި މިއަހަރުވެސް ބައިވެރިވެއްޖެއެވެ.
އައިކެއަރ އިން ބުނީ މިދިޔަ އަހަރުގެ ކާމިޔާބު ގުޅުމަށް ބިނާކޮށް، އައިކެއާގެ ފަރާތުން މިއަހަރު ވަނީ ކޮންމެހެން ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭ “ކެއާ ބާސްކެޓް” ތަކެއް ހަދިޔާކޮށްފައި ކަމަށެވެ. މި ބާސްކެޓްތަކަކީ މި ބަރަކާތްތެރި މަހު އާއިލާތަކަށް ތަކުލީފެއް ނެތި، ހިތްހަމަޖެހުމާއެކު ރޯދައިގެ އަޅުކަމުގައި މަޝްއޫލުވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ތައްޔާރުކުރެވިފައިވާ އެހީއެއް ކަމަށް ވެސް އައިކެއަރ އިން ބުނެއެވެ.

“ރަމަޟާން މަހަކީ އެކަކު އަނެކަކަށް އަޅާލުމާއި، ދީލަތިކަމާއި އޯގާތެރިކަން އިސްކުރާ މަހެއް. މަމްސް އެއިޑުން ކުރިއަށްގެންދާ ‘ރަމަޟާން އެއިޑް’ ކެމްޕޭނުގައި ބައިވެރިވެ، އާއިލާތަކަށް ލުޔެއް ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެންގެ އުންމީދަކީ އާއިލާތަކުގެ ދިރިއުޅުމުގެ ބުރަ ކުޑަކޮށްދީ، އިޖުތިމާޢީ ބަދަހިކަން އިތުރުކުރުމަށްޓަކައި އެހީ އެންމެ ހައްގުވާ ފަރާތްތަކަށް މާނަހުރި އެހީތެރިކަމެއް ލިބިގެންދިޔުން،” އައިކެއާގެ މާކެޓިންގ މެނޭޖަރު ނާއިފާ ޖިހާދު ވިދާޅުވިއެވެ.

ރަމަޟާން އެއިޑް ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށް ހަގީގީ ލުޔެއް ހޯދައިދިނުމެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން، ރާއްޖޭގެ އެކި ސަރަހައްދުތަކުން އެހީއަށް އެންމެ ބޭނުންޖެހިފައިވާ 300 އާއިލާއަކަށް އެހީ ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މި އެހީ ލިބޭ އާއިލާތަކަކީ، އެހީ އެންމެ ހައްގުވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ހަރުދަނާ އުސޫލުތަކެއްގެ ދަށުން ވެރިފިކޭޝަން މަރުހަލާއެއް ފުރިހަމަކޮށް ކަނޑައަޅާފައިވާ އާއިލާތަކެކެވެ.
އައިކެއަރ އިން ވަނީ މުޖުތަމަޢުގެ ދުޅަހެޔޮކަމަށާއި އިޖުތިމާޢީ ޒިންމާ އަދާކުރުމުގައި އަބަދުވެސް އައިކެއާ އިން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ..