ބ. ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކޮށްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ދިގުކުރަން ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް މި ވަގުތަށް ރާވާފައި ނުވާކަމަށެވެ. އަދި އެ އެއާޕޯޓާ ގުޅޭގޮތުން މި ވަގުތު އެންމެ އިސްކަމެއް ދެނީ އެ ތަނުގައި މިހާރު ހުރި ވަސީލަތްތައް ތަރައްގީކޮށް، ޓާމިނަލްގެ އިންފްރާސްޓްރަކްޗާ އިތުރަށް ފުރިހަމަ ކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދުތަކަކީ ފަސިންޖަރުންނަށް ލިބޭ ހިދުމަތްތައް ރަނގަޅު ކުރުމާއި އެއާޕޯޓް ހިންގުމުގެ ދުވެލި ހަލުވިކުރުން ކަމަށެވެ. އަދި ހިދުމަތުގެ ފެންވަރު މަތިކުރުމުގެ އިތުރުން މިހާރު ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރަންވޭ ބޮޑުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނުވަތަ އެފަދަ ކަމަކަށް ހުއްދަ ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމުގައެވެ.