ރަމަޟާން މަހުގެ މަތިވެރި އަޅުކަން ފަރުޟުކުރެއްވުމުގެ އެންމެ ބޮޑު ޙިކުމަތަކީ ތަޤުވާވެރިވުން ކަމަށާއި، ރޯދައަށް ތިބޭއިރު ތަޤުވާވެރިކަންމަތީ ދެމިތިބުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއްކަން ފާހަގަކޮށް، ޚުތުބާގައި ބުނީ ހިތްނިޔަތް ޚާލިޞްކުރުމަކީ ތަޤުވާވެރިވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތް الله އަބަދުމެ ބައްލަވައިވޮޑިގެންވާކަން ހިތުގައި ބާއްވަންޖެހެއެވެ. “އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާނުކުރެވޭނޭކަން ދަންނާންޖެހޭނެ. ތަޤުވާވެރިވުމަކީ ކޮންމެ ކަމެއްގައި ވެސް މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުން,” ޚުތުބާގައި ބުންޏެވެ.
މި މައްސަރުގެ މަތިވެރިކަމާއި ދަރުމަ އެދޭ ނަމަ، މާތް ނަބިއްޔާ ރަމަޟާން މަހު އުޅުއްވި ގޮތް ދަސްކޮށް، އެކަލޭގެފާނުގެ ސީރަތާ އެއްގޮތަށް އަޅުކަމުގައި ވަގުތު ހޭދަކުރުން އިތުރުކުރަން ޖެހެ އެވެ.
ރަމަޟާން މަހުގެ މާތްކަމަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، މިއީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން ރަސޫލު الله ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ރަމަޟާން މަހުގެ ކޮންމެ ރެއަކީ ވެސް މާތް الله ނަރަކައިން މިންޖުކުރައްވާނެ ބަޔަކު ކަނޑައަޅުއްވާ ރެއެއް ކަމަށެވެ. އެހެންކަމުން، މި މައްސަރުގައި ނަރަކައިން މިންޖުކުރައްވާ އަޅުންގެ ތެރޭގައި ލެއްވުން އެދި ދުޢާކުރުމަށާއި، ރޭ އަޅުކަން ކުރުން ގިނަކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވި އެވެ.
މީގެ އިތުރުން، ރަމަޟާން މަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެއް ކަމަށްވާއިރު، މުސްލިމު މުޖުތަމަޢުތަކުގައި މި މަހުގެ މަތިވެރިކަން ދަމަހައްޓަން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހޭނެ ކަމަށް ވެސް ފާހަގަކުރި އެވެ.
ޚުތުބާ ނިންމާލަމުން ބުނީ، ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް ކަމަށެވެ. މާތް ނަބިއްޔާގެ ފާފަފުއްސަވާފައިވީ ނަމަވެސް، އެކަލޭގެފާނު ދުވާލަކު ހަތްދިހަ ފަހަރަށް ވުރެ ގިނައިން ތައުބާވެވަޑައިގެން އިސްތިޣުފާރު ކުރައްވާ ކަމަށާއި، މުސްލިމުން ނަމޫނާއަކަށް ބަލަންވީ އެކަލޭގެފާނުގެ ސުންނަތް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.