English Edition
Dhivehi Edition

މި ރޯދަމަހުގެ މާތްކަމާއި ހުރުމަތް ދަމަހައްޓަންޖެހޭނެ ކަމަށާއި ހާއްސަކޮށް ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގާ ރަށްރަށުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީ، ހާމަކަންބޮޑުކޮށް ޓޫރިސްޓުންނަށް ކެެއިންބުއިމުގެ ހިދުމަތް ދިނުން ހުއްޓާލަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ..

“ރަމަޟާން މަހުގެ މަތިވެރިކަން” މަޢުޟޫއަށް ޚާއްސަކޮށް ރޭ އޮތް މި ރަމަޟާންމަހުގެ ފުރަތަމަ އިހްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ރަމަޟާން މަހަކީ ޙުރުމަތްތެރިވެގެންވާ މައްސަރެއް ކަމަށެވެ. އެހެން ކަމުން މި މައްސަރުގެ ޙުރުމަތާއި ޤަތަރު ހިފެހެއްޓުމަށް ވަޒީރު ވަނީ އެންމެހާ ދިވެހިންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ އިސްލާމީ އަގީދާ އާއި އިސްލާމީ ސަގާފަތާއި އަދި އިސްލާމީ އުންމަތުގެ ވަރަށް މަތިވެރި މޫސުމެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

ހާއްސަކޮށް ލޯކަލް ޓޫރިޒަމް ނުވަތަ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ޝަހީމް އެދިވަޑައިގަތެވެ.

“ރެސްޓޯރަންޓު ފަދަ ތަންތަން ހުޅުވައިގެން ދުވާލު ފަތުރުވެރިންނަށް ކާންދިނުމާއި ހާމަކަންބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާންދިނުމާއި މިކަންކަން އަޅުގަނޑުމެން ޖެހޭ ހުއްޓާލަން،” މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި ޓޫރިސްޓުންނަށް ކެއިންބުއިމުގެ ހިދުމަތް ދޭން ވާނީ އެ މީހުން ދިރިއުޅޭ ތަނުގެ ތެރޭގައި އިންތިޒާމެއް ހަމަޖައްސައިގެން ކަމަށެވެ. އަދި އެކަން ކުރަން ވާނީ އާންމުންނަށް ނުފެންނާނެހެންހެން އިންތިޒާމު ކުރެވިގެން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޯދަމަހުގެ މަތިވެރިކަމަށް އުނިކަން ލިބޭ ގޮތަށް ޓޫރިސްޓުންނަށް ހާމަކަންބޮޑު ގޮތެއްގައި ކެއިންބުއިމުގެ ހިދުމަތް ދިނުން ހުއްދައެއް ނުވާނެ އެވެ.

މިނިސްޓަރު ވިދާޅުވީ، ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި ޣައިރު މުސްލިމުންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމާ ގުޅޭ ގަވާއިދުތައް ހުންނާނެ ކަމަށާއި އެ ގަވާއިދުތައް ރަށްރަށުގެ ކައުންސިލްތަކުން ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ގަވާއިދުތަކަށް ވުރެން އަޅުގަނޑުމެންގެ އަގީދާގެ މަތިވެރިކަން މާ ބޮޑު ކަމަށާއި އަޅުގަނޑުމެން ﷲ ސުބުހާނަހޫ ވަތައާލާ އަށް އަދާކުރަންޖެހޭ ވާޖިބު މާ މަތިވެރި ކަމަށެވެ. އަދި ދީނާ މެދުގައި އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް ޒިންމާ އާއި މަސްއޫލިއްޔަތު ވެސް ވަރަށް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އިސްލާމްދީނާ ގުޅޭ މިފަދަ މުހިންމު ކަންތައްތަކުގެ ހުރުމަތް ކެނޑިއްޖެ ނަމަ ކުރިމަގުގެ ޖީލުތަކުގެ މެދުގައި އެ ދީނާ މެދު އޮންނަ ހައިބަތާއި ގަދަރާއި ކަރާމާތް ނެތިގެން ހިނގައިދާނެ ކަމަށެވެ.