ރަމަޟާން މަހާ ދިމާކޮށް، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ވީހާވެސް އަވަހަށް ބާޒާރަށް ނެރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭ ވިޔަފާރި ބަނދަރުގައި 3,000 އަކަފޫޓުގެ އާ ޝެޑެއް ވަނީ ގާއިމުކޮށްފައެވެ. މި ޝެޑަކީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް ތަކެތި ބޭލުމަށާއި، ކްލިއާކުރުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ހާއްސަކޮށް ހެދި ތަނެކެވެ.
އެމްޕީއެލުން ހާމަކޮށްފައިވާ ގޮތުގައި، މި ޝެޑް ހެދުމުގެ މައިގަނޑު މަގުސަދަކީ ރޯދަ މަހު މުދާ އެތެރެކުރާ މިންވަރު އިތުރުވުމުން ބަނދަރަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމެވެ. މި އާ ހިޔާގެ ސަބަބުން، ކާބޯތަކެތި ބޯޓުފަހަރުން ބޭލުމަށްފަހު ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިތުރު ޖާގަ ލިބި، ވިޔަފާރިވެރިންނަށް މުދާ ދޫކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްވުރެ ހަލުވިވެގެންދާނެއެވެ. މިއީ މުދާ ކްލިއާކުރަން ނަގާ ވަގުތު ކުޑަކޮށް، ތަކެތި ތާޒާކަންމަތީ ބާޒާރަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އޮޕަރޭޝަންތަކުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާއިރު، އެމްޕީއެލުން ބުނީ މިއަދު މެންދުުރާ ހަމައަށް އެކަނިވެސް 480 ޓަނުގެ ކާބޯތަކެތި (ގާތްގަނޑަކަށް 13,113 ޕެކޭޖް) ކްލިއާކޮށްފައިވާ ކަމަށެވެ. ބަނދަރުގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި އެމްޕީއެލްގެ ޓީމުތަކުން މިހާރު އަންނަނީ ކޮންމެ ދުވަހަކުވެސް ރޭގަނޑު 00:00 އާ ހަމައަށް މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ހުސް ކޮންޓޭނަރުތައް ތިލަފުށްޓަށް ބަދަލުކުރުމާއި، އިތުރު މުވައްޒަފުން ނެރެގެން މަސައްކަތް ކުރުން ފަދަ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.