ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން، ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި އެހީ ފޯރުކޮށްދީފައިވަނީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ހިންގާ “އާކް އެއިޑް” ޕްރޮގްރާމަށެވެ. މިއީ ރޯދަ މަހު ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ އާއިލާތަކަށް އުންމީދެއް ހޯދައިދިނުމަށް ހިންގި މުހިންމު ހަރަކާތެކެވެ.
މި އަހަރުގެ ޕްރޮގްރާމަށް ބޭންކުގެ މުވައްޒަފުން ފޯރުކޮށްދިން ދީލަތި އެހީއާއެކު، ޖުމްލަ 100 އަށްވުރެ ގިނަ ކާބޯތަކެތީގެ ޕެކް ހަދިޔާކޮށްފައިވެއެވެ. މީގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކާއި އެކަނިވެރި މައިންގެ އާއިލާތައް ހިމެނޭހެން، 200 އަށްވުރެ ގިނަ ކުދިންގެ އާއިލާތަކަށް ބޭނުންވާ އަސާސީ ކާބޯތަކެތި ލިބިގެންދާނެއެވެ. މި އެހީއަކީ އެ އާއިލާތަކަށް ރޯދަ މަހުގެ ތެރޭގައި ކުރިމަތިވާ މާލީ ބުރަ ކުޑަކޮށްދީ، ހަމަޖެހިލައިގެން އަޅުކަމުގައި މަޝްޣޫލުވުމަށް ފަހިވި ފުރުސަތެކެވެ.
ބީއެމްއެލްގެ މުވައްޒަފުންނަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށްވެސް މިފަދަ އިޖުތިމާއީ ޒިންމާތަކުގައި ވަރަށް ހަރަކާތްތެރިކޮށް ބައިވެރިވާ ބައެކެވެ. މީގެ ކުރިންވެސް އާކް ޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިދިޔަ އަހަރު ވަނީ “މަމްސް އެއިޑް” ޖަމިއްޔާ މެދުވެރިކޮށްވެސް އާއިލާތަކަށް އެހީވެފައެވެ. މިފަދަ ދީލަތި އެހީތަކަކީ މުވައްޒަފުންގެ މެދުގައި އޮތް އިންސާނިއްޔަތުކަމުގެ ރޫހު ރަމްޒުކޮށްދޭ، އަދި މުޖުތަމައުގެ ހަމަޖެހުމަށް ބޭނުންވާ މުހިންމު މަސައްކަތެކެވެ.