English Edition
Dhivehi Edition
ރައީސް މުއިއްޒު ރިޔާސީ ބަޔާން ދެއްވަނީ: ފޮޓޯ މަޖިލިސް

ޗައިނާގެ އާ އަހަރުގެ އުފާވެރި މުނާސަބަތާ ގުޅިގެން، އެ ގައުމުގެ ލީޑަޝިޕަށާ, ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި، ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ ލީ ކިއަންގްގެ އިތުރުން ޗައިނާ ސަރުކާރަށާއި އެކުވެރި ރައްޔިތުންނަށް މި މުނާސަބަތުގެ ތަހުނިޔާ ދަންނަވާފައެވެ.

ރައީސްގެ އެ މެސެޖުގައި ޗައިނާއިން ފާއިތުވި އަހަރުތަކުގައި ހޯދާފައިވާ އާދަޔާ ހިލާފު ކުރިއެރުންތަކަށް ތައުރީފު ކުރައްވަމުން ޗައިނާގެ ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައިވެސް އިތުރު އުޖާލާ ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މި ގުޅުން އިތުރަށް ކުރިލާ ތަރައްގީވަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށްވާއިރު، މިފަދަ މުނާސަބަތުތަކުގައި ދެ ގައުމުގެ މެދުގައި އޮންނަ ގާތް ގުޅުން ރައީސް އަބަދުވެސް ފާހަގަކުރައްވައެވެ.