English Edition
Dhivehi Edition
ދުނިޔޭގެ ފުޓުބޯޅައިގައި އުފެދުނު އެންމެ ވާދަވެރި ދެ ކުޅޫންތެރިން ކަމުގައިވާ ރޮނާލްޑޯ އަދި މެސީ

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވިދުންގަދަ ދެ ތަރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ތެރެއިން، މެސީއަކީ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ރޮނާލްޑޯ އިއުތިރާފުވެއްޖެއެވެ. މިކަން އޭނާ ހާމަކުރީ ދާދި ފަހުން މީޑިއާއަށް ދިން ބަޔާނެއްގައެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނި ގޮތުގައި، އޭނާއަކީ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ފެނުނު އެންމެ ކާމިޔާބު ލަނޑު ޖަހާ ކުޅުންތެރިޔާއެވެ. ނަމަވެސް، ކުޅުމުގެ ހުރިހާ ދާއިރާއަކަށް ބަލާއިރު އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާގެ ލިއޮނަލް މެސީ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ރޮނާލްޑޯގެ މި ބަޔާނުގައި ބުނެފައިވަނީ، އޭނާ އަކީ ދުނިޔޭގެ ފުޓުބޯޅަ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ގޯލް ސްކޯރަރ ކަމަށާއި ނަމަވެސް މެސީއަކީ ތާރީޚުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށެވެ. މިއީ މި ދެ ކުޅުންތެރިންގެ މެދުގައި އޮންނަ ވާދަވެރިކަމަށް ބަލާއިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދިޔަ ވާހަކައެކެވެ.

ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑުތަކާއި ކާމިޔާބީތައް ހޯދުމުގައި މި ދެ ކުޅުންތެރިން ވަނީ ބޮޑު ވާދައެއް ކޮށްފައެވެ. ރޮނާލްޑޯގެ މި އިއުތިރާފާއެކު، ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި އަބަދުވެސް ކުރެވޭ “އެންމެ މޮޅީ ކާކު؟” މި ބަހުސަށް އާ ދިރުމެއް ވަނީ ލިބިފައެވެ.

އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބް، އިންޓަ މިއާމީގެ ކެޕްޓަންކަން ކުރަމުން އަންނަ މެސީ، އާއި ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް، އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ އަކީ، ދުނިޔޭގެ ފުޓްބޯޅައިގައި، 21 ވަނަ ގަރުނުގައި ފެނުނު އެންމެ ވާދަވެރިކަން ބޮޑު ދެ ކުޅުންތެރިންނެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް، މެސީ ވަނީ އަށް ފަހަރު ހޯދައިފަ އެވެ. އަދި، ރޮނާލްޑޯ، އެ އެވޯޑް ފަސް ފަހަރު ހާސިލްކުރި އެވެ. މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން އެންމެ ބޮޑުވީ އެ ދެ ކުޅުންތެރިން، ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުޅުނުއިރު އެވެ.