ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވާ ގޮތުން، މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ދިމާކޮށް، އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު އެވެ. މިގޮތަށް ނިންމެވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ރައީސަށް ލާޒިމުކުރާ އިސްލާހުތަކެއް އެ ބިލުގައި ހިމެނޭތީ އެވެ.
މި ވޯޓުގައި ރައްޔިތުންނާ ކުރާނެ ސުވާލަކީ، “ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ‘ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު’ ރައީސުލްޖުމްހޫރިއްޔާ ތަސްދީހުކުރެއްވުމަށް ފެނޭ ހެއްޔެވެ؟” މިއެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، މިފަދަ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަންވާނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު އެ އިސްލާހަށް ލިބިއްޖެ ނަމައެވެ. އަދި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 15 ދުވަހުގެ ތެރޭގައި އެ ބިލެއް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރަން ޖެހެއެވެ. ނަމަވެސް، ރައްޔިތުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލުވާނެއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ގަރާރު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިހާރު ވަނީ ހުށަހަޅާފައެވެ.