ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާއިރު، އެ މަހަށް ވަކިން ބިލު ހަދަން ރީޑިން ނެގުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރިއަށް އޮތް ހަފްތާގައި ފަށާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ރޯދަ މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި “ދިވެހިންގެ ރާއްޖެ” ޖަލްސާގައެވެ.
ސްޓެލްކޯ އިން ބުނީ ރައީސް މިގޮތަށް ނިންމަވާފައި ވާތީ ރޯދަ މަހަށް ވަކި ބިލެއް ތައްޔާރު ކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި މަހުގެ 16 އަދި 17 ވަނަ ދުވަހު ރީޑިން ނެގުމަށް ސްޓެލްކޯ މުވައްޒަފުން ދާނެ ކަމަށާއި އެހެންކަމުން މިކަމުގައި ހުރިހާ ކަސްޓަމަރުން ވެސް އެއްބާރުލުން ދިނުމަށް އެ ކުންފުނިން ވަނީ އެދިފައި ވެއެވެ.