English Edition
Dhivehi Edition

ބަރަކާތްތެރި ރަމަޟާންމަހަކީ އީމާންކަމާއި ތަޤުވާވެރިކަމުގެ އިތުރުން މަތިވެރި އަޚުލާޤާއި ކެތްތެރިކަން ދަސްކޮށްދޭ މަހެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ރޯދައިގެ އަޅުކަމަކީ އޭގެ ޒާތުގައި އިޚުލާޞްތެރިކަމާއި އަމާނާތްތެރިކަމުގެ މަތިވެރި ފިލާވަޅުތަކެއް މުސްލިމުންނަށް އުނގަންނައިދޭ އަޅުކަމެކަމަށާއި ރޯދަވެރިޔާގެ ރޯދައަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު އޮންނަ ސިއްރަކަށް ވާއިރު، މިއީ ދެއްކުންތެރިކަމެއް ނެތް، ތަޤުވާވެރިކަމުން ފުރިގެންވާ އަމަލެއް ކަމަށް ޚުރުބާގައި ބުންޏެވެ.

ރޯދައިގެ މަތިވެރިކަން ހާމަކުރައްވައި ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ صَامَ رَمَضَانَ إِيـْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) މާނައީ: “އީމާންކަންމަތީ ހުރެ، ސަވާބަށް އެދޭ ޙާލު، ރަމަޟާންމަހު ރޯދަހިފައިފި މީހާގެ އިސްވެދިޔަ ފާފަތައް މާތް الله ފުއްސަވާހުށްޓެވެ.”

ރަމަޟާންމަސް ބައްދަލުކުރާއިރު، ރޯދައިގެ ޝަރުޢީ ޙުކުމްތައް ދެނެގަތުމަކީ ކޮންމެ މުސްލިމަކަށްމެ މުހިންމު ކަމެއް ކަމަށާއި ރަމަޟާންމަސް ވަންނަ ހިނދު ހެޔޮ ޞިއްޙަތުގައި ރަށުގައި ޤާއިމުވެހުރި ކޮންމެ މީހެއްގެ މައްޗަށް ރޯދަހިފުން ވާޖިބުވެގެންވާކަމަށް ހުތުބާގައި ބުންޏެވެ. ނަމަވެސް، ދަތުރުވެރިންނާއި ބަލިމީހުންނަށް ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު ޝަރުޢީ ހަމަތަކުގެ މަތިން ލިބިގެންވާ ކަމަށާއި މިގޮތުން ދާއިމީ ބަލިމީހުންނާއި މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހުން ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުން ލާޒިމުވާކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، މާބަނޑު މީހުންނާއި ކިރުމައިންނަށް ރޯދަހިފުމުގެ ސަބަބުން އަމިއްލަ ނަފްސަށް ނުވަތަ ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ކަމަށް ބިރުގަންނަ ނަމަ ރޯދަ ދޫކޮށްލެވިދާނެ ކަމަށާއި އެހެންނަމަވެސް، މިފަދަ ފަރާތްތަކުން ފަހުން އެ ރޯދަތައް ޤަޟާކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ހަމައެހެންމެ، ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އިންޖެކްޝަން ޖެހުމާއި ޑަޔަލިސިސް ހެދުމަކީވެސް ރޯދަ ގެއްލޭނެ ކަންކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޝަރުޢީ އެއްވެސް ޢުޒުރަކާ ނުލައި ގަސްތުގައި ރޯދަ ދޫކުރުމަކީ ބޮޑުވެގެންވާ ފާފައެކަން ހަނދާން ކޮށްދެއްވަމުން ޚުތުބާގައި ބުނީ އެފަދަ މީހަކު އެކަމަށް ތައުބާވެ، ދޫކޮށްލާ ރޯދަ ޤަޟާކުރަން ޖެހޭނެކަމަށާއި ރޯދަމަހު ދުވާލު ގަސްތުގައި އަނބިމީހާއާއެކު އެއްދާންކޮށްފި މީހާގެ މައްޗަށް ބޮޑު ކައްފާރާއެއް އޮންނަކަމަށާއި އެއީ އަޅަކު މިނިވަންކުރުން ނުވަތަ ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފުން ނުވަތަ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުން ކަމަށް ޚުތުބާގައި ބުންޏެވެ.

ރަމަޟާންމަހުގެ ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ރޯދައިގެ މަތިވެރި އަޚުލާޤުން ޒީނަތްތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް މުހިންމު ވާޖިބެއް ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައި އެވެ.