މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް، ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ. މިއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މުހިންމު ބިލެކެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާގައި 72 މެންބަރުން ހާޒިރުވެ ތިއްބެވި ނަމަވެސް، ބައެއް މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. ބިލަށް ބަހުސްކުރިއިރު ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ މި އިސްލާހަށް ތާއީދުކުރައްވާފައެވެ.
މި އިސްލާހުގައި ވަނީ ޓެރަރިޒަމްގެ މާނައިގެ ތެރޭގައި ހިމެނޭ އަމަލުތަކުގެ ލިސްޓުގެ އެންމެ ފަހަތަށް، މިސްކިތްތަކަށް ގެއްލުން ދިނުން އިތުރުކުރުމަށެވެ. މީގެ ސަބަބުން މިސްކިތްތަކުގެ ހުރުމަތް ކެނޑުމާއި ތަކެއްޗަށް ގެއްލުންދިނުން ބެލެވޭނީ ޓެރަރިޒަމްގެ ބޮޑު ކުށެއްގެ ގޮތުގައެވެ.
މެންބަރު ކުޑޫ މި އިސްލާހު ހުށަހެޅުއްވީ ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކަށް ގެއްލުންދިނުމުގެ އަމަލުތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. އެގޮތުން މިދިޔަ ނޮވެންބަރު މަހު އައްޑޫ ސިޓީ ހިތަދޫގެ މިސްކިތަކަށް ވަދެ ގޮނޑިތައް އުކައި، މުސްހަފުތަކަށް ގެއްލުންދީފައިވާއިރު، މާލޭގެ ފުރުޤާން މިސްކިތާއި ޢިއްޒުއްދީން މިސްކިތަށް ވެސް މީހަކު ވަދެ ވަނީ ގެއްލުންދީފައެވެ.
ބިލު ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވީ، މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމު ބައެއް ކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.