ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ‘އަމާން އުދަރެސް’ ފްލެޓުތަކުގެ ތެރެއިން ޔުނިޓެއްގައި ބިދޭސީން ދިރިއުޅޭ ލޭބާ ކުއާޓާއެއް ހަދާފައިވާ މައްސަލައެއް ފެންމަތިވެ، އެތަން ހުސްކުރުމަށް 10 ދުވަހުގެ މުހުލަތެއް ދީފިއެވެ.
10 ދުވަހުގެ މުހުތަލެއް ދިން އިރު، އެފްޑީސީން ވަނީ މި މުއްދަތުގައި ތަން ހުސްނުކޮށްފި ނަމަ ފްލެޓު އަތުލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
މިކަމާ ގުޅިގެން އެފްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވީ، ބިދޭސީންނަށް ލޭބާ ކުއާޓާ ހަދަން ފްލެޓު ދޫކޮށްފައިވާ މައްސަލާގައި އެތަނުގެ ވެރިފަރާތް މިހާރު 50,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އަންގާފައިވާ 10 ދުވަހުގެ ތެރޭގައި އެތަން ހުސްނުކޮށްފި ނަމަ، ފްލެޓުގެ އެއްބަސްވުން ބާތިލުކޮށް، އެ ޔުނިޓު އެހެން ބަޔަކަށް ދިނުމަށް މިނިސްޓްރީއަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އެ މައްސަލަ ފެންމަތިވެ، އެތަނުގެ ވެރިފަރާތް މިހާރު ވާނީ ޖޫރިމަނާ ވެސް ކުރެވި، ތަން ހުސްކުރަން މުހުލަތެއް ވެސް ދީފަ. އެކަން އެ މުއްދަތުގައި ނުކޮށްފި ނަމަ ތަނުގެ އެއްބަސްވުން އަތުލައި، ތަން އެލޮކޭޓް ކުރަން ފޮނުވާނަން،” އޮފިޝަލް ވިދާޅުވިއެވެ.
އެފްޑީސީން ފާހަގަކުރި ގޮތުގައި، ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މީހުންނަށް ސަރުކާރުން ބޮޑެތި ލޯނުތައް ނަގައިގެން އިމާރާތްކޮށްފައިވާ މިފަދަ ތަންތަން، އަމިއްލަ ފަރުދުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ބޭނުންކުރުމަކީ ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް ދެވޭ ބޮޑު ދެރައެކެވެ. ފްލެޓް ލިބުނު މީހުންނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ތަންތަން ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ.
މީގެ ކުރިން ވެސް ‘ގެދޮރުވެރިޔާ’ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރަން އިޝްތިހާރު ކުރި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެފްޑީސީން ބުނީ ގަވާއިދާ ހިލާފަށް ކުއްޔަށްދޭ ފްލެޓްތައް ބަލައި، އެއްބަސްވުމާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.