ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ “ވިޒިޓް މޯލްޑިވްސް އިޔާ 2027” ގެ ބްރޭންޑިންގެ މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ. އަންނަ އަހަރަކީ ރާއްޖޭގައި ޓޫރިޒަމްގެ ވިޔަފާރި ފެށިތާ 55 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މިކަން ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، މި ބްރޭންޑިންގެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށަހަޅަން ޖެހޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހު ހެނދުނު 10:35 ގައި ޓޫރިޒަމް މިނިސްޓްރީގެ އިދާރާގައެވެ.
“ވިޒިޓް މޯލްޑިވްސް އިޔާ 2027” ގެ ހަރަކާތްތައް ބައްޓަންކުރުމަށް ހަމަޖެހިފައިވަނީ ދިވެހިންގެ ސަގާފަތާއި އާދަކާދައަށް އިސްކަންދީގެންނެވެ. އެގޮތުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ކެއްކުންތަކާއި ކާބަފައިންގެ ޒަމާނުއްސުރެ އަންނަ ވާހަކަތައް މި ކެމްޕެއިންގައި ބޭނުންކުރާނެއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގެ ހާއްސަ ސިފަތައް ޓޫރިސްޓުންނަށް ކިޔައިދީ، އެކަންކަން އަންގައިދިނުމަށް ވަނީ ރާވާފައެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 2.2 މިލިޔަން ޓޫރިސްޓުންނެވެ. އަދި ޓޫރިޒަމުން ލިބުނު އާމްދަނީ 5.5 ބިލިއަން ޑޮލަރަށް އަރައި، މިދިޔަ އަހަރު ރެކޯޑު އާމްދަނީއެއް ވަނީ ލިބިފައެވެ.