ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ގާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ ވަތަނީ ހިދުމަތް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
މި ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، ދައުލަތުގެ ޔުނިފޯމް އެޅި ހިދުމަތްތަކާއި އެނޫންވެސް މަސައްކަތުގެ އެކި ދާއިރާތަކުގައި ހިދުމަތްކުރަން އެދޭ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވައި، ގައުމަށާއި މުޖުތަމައަށް ފައިދާހުރި ޒުވާން ޖީލެއް ބިނާކުރުމަކީ ވެސް މި ބިލުން ހާސިލުކުރަން ބޭނުންވާ މުހިންމު ކަމެކެވެ.
މި ގާނޫނުގެ ދަށުން ތައާރަފުކުރާ ޕްރޮގްރާމަކީ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށް ފަރުމާކުރާ ޕްރޮގްރާމެކެވެ. ބިލުގައިވާ ގޮތުން، ޕްރޮގްރާމްގައި ބައިވެރިވުމުގެ އުސޫލުތަކާއި، ލިބިދޭ ތައުލީމާއި ތަމްރީނުގެ އިތުރުން، ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ލިބިގެންދާނެ ހާއްސަ ފުރުސަތުތައް ވެސް މި ގާނޫނުގެ ތެރެއިން ކަނޑައެޅިގެންދާނެއެވެ.