އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރުގައި “ބޮންޑެޑް ޒޯން” ނުވަތަ ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ، އެ ސިޓީ ވިޔަފާރި ހަބަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ވުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ހިތަދޫ ޕޯޓުގައި މި ޚިދުމަތް ޤާއިމުކުރުމުގެ އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަޤްވާމީ ޕޯޓްތައް ހުރި ނަމަވެސް، ހަމައެކަނި “ސެޓެލައިޓް ޕޯޓް” ތަކެއްގެ ގޮތުގައި އޮވެގެން ވިޔަފާރި ނުއުފެދޭނެ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން، ވިޔަފާރިވެރިން އެތަންތަން ބޭނުންކުރާނެ ސަބަބުތައް އުފައްދަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަލަށް ގެނައި މި ބަދަލާއެކު ލިބޭނެ ފަސޭހަތައް ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ:
ހިލައާއި ވެލި ފަދަ ކޮންސްޓްރަކްޝަން ސާމާނު ޑިއުޓީ ފްރީކޮށް ބެހެއްޓޭނެއެވެ.
ކޮންޓެއިނަރުގައި ގެންނަ މުދާ ޑިއުޓީ ނުދައްކައި ޕޯޓުގައި ބެހެއްޓޭނެއެވެ.
ފިނިކުރި މުދާ ނުވަތަ ރީފާ ކޮންޓެއިނަރުތައްވެސް ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ، 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 ގެ ނިޔަލަށް އެ މަސައްކަތް ނިންމުމަށް ރައީސް އަމާޒު ހިއްޕަވާފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ކީވޯލް ހެދުމާއި ޕޭވްކުރުން ފަދަ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެ ކަމަށެވެ.