އައްޑޫ ސިޓީގައި ޓެކްސް ފްރީ ޒޯނެއް ގާއިމުކޮށް، އެ ސިޓީގެ ވިޔަފާރި ބިންތަކުގެ ކުލި މާފުކުރާނެ ކަމަށް ސަރުކާރުން އިއުލާންކުރެއްވުމާ ގުޅިގެން، އެއީ އައްޑޫ ސިޓީ “މަރާލަން” ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ، އައްޑޫ ސިޓީ ވިޔަފާރި ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ޓެކްސް އާއި ބިމުގެ ކުލި ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.
މިކަމަށް ރައްދު ދެއްވައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، މިއީ ރިޔާސީ ބަޔާނުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ވާހަކަ ކަމަށެވެ. ނިޒާރު ފާހަގަކުރެއްވި ގޮތުގައި ބިމު ކުއްޔަކީ ކައުންސިލަށް ލިބޭ އާމްދަނީގެ 80 އިންސައްތައެވެ.
“ރައީސްގެ ރިޔާސީ ބަޔާނުގައި އެންމެ ނުރައްކާތެރި ކަމެއް ގޮތުގައި އޮތީ، އައްޑޫ ސިޓީއަކީ ޓެކްސް ފްރީ ޒޯނަކަށް ހަދައި ވިޔަފާރިތަކަށް ދޭ ބިންތަކުން ކުލި މާފުކުރުން. އެ ލާރިކޮޅު ވެސް ނުދީ އައްޑޫ ސިޓީ އެއްކޮށް މަރުވާން ދޫކޮށްލަން އެ ނިންމަނީ،” ނިޒާރު ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި ސަރުކާރުން ކައުންސިލަށް ދޭ ހިލޭ އެހީގެ ފައިސާއަކީ ހަމައެކަނި އިދާރީ ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރާ ފައިސާއެވެ. ކައުންސިލުން ރަށުގެ ތަރައްގީއަށް ކުރާ ހޭދަތައް ކުރަނީ ބިމު ކުލީގެ ގޮތުގައި ލިބޭ އާމްދަނީން ކަމަށްވާއިރު، އެ އާމްދަނީ ހުއްޓުމަކީ ކައުންސިލްގެ މަސައްކަތްތައް ހުއްޓިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫގެ މޭޔަރުކަމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ ނިޒާރު ވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ މާލެއަށް ބާރުތައް ޖަމާކުރުން ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އައްޑޫއަށް ތަރައްގީގެ ކުލަވަރެއް ފެނިފައިވަނީ ހަމައެކަނި އެމްޑީޕީގެ ވެރިކަމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.