މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދިވެހިރާއްޖެއިން ބޭރުކުރި މަހުގެ އެކްސްޕޯޓުން ދައުލަތަށް 123 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 62 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މަސް އެކްސްޕޯޓުކޮށްގެން ލިބިފައިވަނީ 76 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 40 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2024 ވަނަ އަހަރު އެއްކޮށް ނިމުނުއިރުވެސް މަހުގެ އެކްސްޕޯޓުން ލިބިފައިވަނީ 84 މިލިއަން ޑޮލަރެވެ.
އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު ނުވަތަ އަދަދު އިތުރުވުމާ ގުޅިގެންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 69،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓުކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓުކުރި 37،000 މެޓްރިކް ޓަނާ އަޅާބަލާއިރު 87 އިންސައްތައިގެ އިތުރުވުމެކެވެ.
އެކްސްޕޯޓުކުރި މަހުގެ ބާވަތްތަކަށް ބަލާއިރު، އޭގެ 80 އިންސައްތަ ހިއްސާކުރަނީ ގަނޑުކުރި މަހެވެ. މީގެ ތެރެއިން އެންމެ ގިނައީ ކަޅުބިލަމަހެވެ. އަދި ދެވަނައަށް އެންމެ ގިނައިން ބޭރުކޮށްފައިވަނީ ކަންނެއްޔެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި 1،400 ޓަނުގެ ދަޅުމަސް (ބަންދުކުރި މަސް) އެކްސްޕޯޓުކޮށްފައިވާކަންވެސް ހިސާބުތަކުން ދައްކައެވެ.